Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ނޫމަޑިއަށް ސަރުކާރުން ބަދަލުދޭކަށް ނުޖެހޭ: ސައީދު

މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ބަދަލު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނޫމަޑިއާ ހަވާލު ކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ސަރުކާރުން ދެއްކުމުން އެކަމަށް ފާޑުވިދާޅުވެ ކުރީގެ އިގްތިސޯދީ ވަޒީރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫމަޑިއައް ބަދަލުދޭކަށް ސަރުކާރުން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކަނޑައަޅަންޖެހޭނީ ކޯޓުން ނުވަތަ ބައިނަލްއަގްވާމީ ވިޔަފާރީގެ މުއާމަލާތް ތަކަށް ފުށުނާރާހަމަތައް ފުރިހަމަކޮށް ނިންމުމަށްފަހު ކަމަށެވެ.

ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ ނޫމަޑިއަށް ފައިސާ ދައްކާފައި ވަނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން އެ މަޝްރޫއާ ގުޅޭ ޚާއްސަ އޮޑިޓެއް ކުރަމުން ދަނިކޮށް ކަމަށް އެ އޮފީހުންވެސް ބުނެފައި ވަނިކޮށެވެ. އަދި އެކަމުގެ ސަބަބުން ގިނަބައެއްގެ ފާޑުކިއުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގާގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ދެފަރާތުން ވާހަކަދައްކައިގެން ހައްލު ކުރަން ދިވެހި ސަރުކާރުން ނިންމަވާފައިވަނީ ރައީސް އެކުލަވާލައްވާފައިވާ ސެޓްލްމަންޓް ކޮމިޓީގައި އެ މައްސަލަތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ.