ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ނަމަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދެވެ. މީގެތެރެއިން ނާޝިދު މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކަސްޓަމްސްގައެވެ. އަދި ފަތުހުﷲ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ.
މީރާގެ އިސް މަގާމުތައް ހުސްވެފައި މިވަނީ މީރާގެ ގާނޫނަށް ދާދިފަހުން ސަރުކާރުން ގެނައި އިސްލާހަކުން މީގެކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ. ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނާއިބުގެ މަގާމުވެސް ވަނީ ހުސްވެފައެވެ. އެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަޖިލީހުން ފާސްކުރި އެ އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.