ސެޓަލްމެންޓް ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދޭން އަމިއްލަ އޮޑިޓް ފާމްތައް ހޯދަން ނިންމައިފި އެވެ.
ސެޓަލްމެންޓު ކޮމެޓީއަކީ ކޯޓުން ބޭރުގައި ހައްލު ކުރަން ޖެހިފައިވާ ސަރުކާރު ޝާމިލުވާ މައްސަލަތައް ބަލައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގައި އުފައްދާފައިވާ ކޮމެޓީއެކެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސެޓަލްމެންޓު ކޮމިޓީގެ ބޭނުމަށް އައްޔަންކުރާ އޮޑިޓް ފާމްތަކުގެ ޒިންމާއަކަށް ވާނީ ކޮމިޓީގައި މަޝްވަރާކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި، ލިޔެކިޔުންތައް މުސްތަގިއްލު ކަމާއެކު އިވެލުއޭޓްކޮށް، އެމައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމުގައި ކޮމިޓީއަށް ލަފާ އެރުވުން ކަމަށެވެ.
އޭޖީ އޮފީހުން ބުނީ ކޯޓުން ބޭރުގައި ހައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފާމެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަގުސަދަކީ އެކިއެކި ފަރާތްތަކަށް ގެެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ އަދުލުވެރި މިންވަރެއް ކަން ޔަގީންކޮށް ސަރުކާރުގެ މަސްލަހަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުން ކަމަށްވެސް ބަޔާނުގައިވެ އެވެ. މިމަސައްްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ ބީލަމުގެ އުސޫލުން ކަމުގައިވާތީ މަސައްކަތުގެ ތަފްސީލް ހިމެނޭ ޓާމްސް އޮފް ރިފަރެންސާއި ބީލަމާ ގުޅޭ ލިޔެކިޔުންތައް ވަރަށް އަވަހަށް ގެޒެޓްގައި ޝާއިއުކުރާނެ ކަމަށްވެސް ބަންޑާރަނައިބްގެ އޮފީހުން ވަނީ ބުނެފަ އެވެ.
ސެޓަލްމެންޓު ކޮމެޓީއަށް އެހީތެރިވާނެ އޮޑިޓު ފާމުތަކެއް ހޯދުމުގެ މަސައްކަތް އޭޖީ އޮފީހުން ފަށާފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އައިފަހުން އެތައް ކުންފުންޏަކަށް ވަނީ ތަފާތު އެކިއެކި މައްސަލަތަކާއި ގުޅިގެން ބޮޑެތި އަދަދުތަކުން ބަދަލުދީފައެވެ.