Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ފޭރިގަތް މުދަލުން ބަދަލެއް ނުލިބޭ: އިބްރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދޫ ކޮލެޖު އަތުން އެތަން އަތުލުމުން ބަދަލެއްގެ ގޮތުގައި ސަރުކާރުން މަންދު ކޮލެޖަށް 50 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއީލް (އިބްރާ) ދޮގު ކުރައްވައިފިއެވެ.

އެކަން ދޮގުކުރައްވާ އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މުދާތައް ފޭރިގަނެފައި ވާތާ ހަތަރު އަހަރުވެފައިވާ ކަމަށެވެ. އެކަން ބެލޭނެ އެއްވެސް މަގެއް ފެނިފައި ނުވާ ކަމަށާއި ސަރުކާރުގެ އިދާރާއަކުން ވެސް އަދި ޝަރީއަތަކުންވެސް އެކަމަށް މަގެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މަންދޫ ކޮލެޖު އަތުން އެމްއީއެސް އިމާރާތް ނެގީ 2015ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމްއީއެސް ހިންގަމުން އައީ އެތަނުގެ ވެރިންނާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އަދި އެތަނުގެ އެއްބަސްވުން ހަމަވުމުން އަލުން އެމްއީއެސް އެތަނުގެ ވެރިންނާ ހަވާލުކުރެވުނު ކަމަށާއި ނަމަވެސް އެމްއީއެސްގެ ވެރިން އަމަލުކުރީ އެއްބަސްވުމާއި ހިލާފަށް ކަމަށާއި އެއީ އެ އެއްބަސްވުމުގައި އެތަނުގައި ހިންގަންވާނީ ސްކޫލެއް ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް އޭރު އެޑިއުކޭޝަނުން ބުންޏެވެ. ނަމަވެސް އޭގެ ބަދަލުގައި އެ އިމާރާތުގައި ހިންގަމުން ދިޔައީ ކޮލެޖެއް ކަމަށާއި އެތަން އަތުލީ އެހެންވެގެން ކަމަށް އޭރު އެޑިއުކޭޝަނުން ބުންޏެވެ.
ދިހަ އަހަރު ދުވަހުގެ މުއްދަތަށް މަންދު ކޮލެޖަށް ދީފައިވާ އެމްއީއެސް އިމާރާތަކީ ކުރިން ރާއްޖޭގައި ގިނަ އަދަދެއްގެ ކުދިންތަކެއް ކިޔަވަމުން ދިޔަ މަޝްހޫރު ސުކޫލެކެވެ.