Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މާލެ މީހުން މާލޭގައި އުޅެނީ މާ ނިކަމެތިކޮށް: މީކައިލް

އާންމުކޮށް މާލޭގައި ދިރިއުޅޭ މާލޭ ރައްޔިތުން ދިރިއުޅެމުންދަނީ މާ ނިކަމެތި ހާލެއްގައި، ބޯހިޔާވަހިކަމެއް ވެސް ނެތި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މީކައިލް ނަސީމް ވިދާޅުވެއްޖެއެވެ.

މާލެއާއި ރަށް ރަށުން ދިވެހިންނަށް ފްލެޓު ދިނުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށައެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މީކައިލް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިންވެސް އަމިއްލަ ރަށުގައި ދިރިއުޅޭއިރު މާ ނިކަމެތިކޮށް، ހާލުގައި ދިރިއުޅޭ ރައްޔިތުން ގިނަ ކަމަށެވެ.

އަދި އަމިއްލަ ރަށުގައި ބޯހިޔާވަހިކަމެއް ނުލިބި ކުއްޔަށް ދިރިއުޅޭ ރައްޔިތުންވެސް މަދު ނޫން ކަމަށް މީކައިލް ވިދާޅުވިއެވެ. އެންމެ ކުރީގައި މާލެއިން ދޫކުރި ގޯތިތަކުގައި ގެއަޅައި، މިއަދު އެ ގެތައް "ފޮތިފޮތިކޮށް" ބަހާލުމުގެ ސަބަބުން، އެ ގޯތި ލިބުނު މީހާގެ ކާފަ ދަރިންނާއި މުނިކާފަ ދަރިން ވަންނާނެ ގެއެއް މާލޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިއީ ގޯތި ތިބި މަހުޖަނުންގެ ވާހަކަ ނޫން ކަމަށާއި މިއީ ފްލެޓަށް އެދޭއިރު މިހާރު ދިރިއުޅޭ ކުޑަ ތަންކޮޅު ދޫކޮށްލަން މަޖުބޫރުވާ މާލޭ މީހާގެ ވާހަކަ ކަމަށާއި، ފްލެޓު ލިބިއްޖެނަމަ މުޅި އުމުރު ދުވަސް ޚަލާސް ކުރަން ޖެހޭނީ އެފްލެޓަށް ފައިސާ ދެއްކުމުގައި ކަމަށް މީކާއިލް ވިދާޅުވިއެވެ.

މިވާހަކަ ދައްކާއިރު މިހާރު ފްލެޓުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށާއި، މީގެ ވިހި ފަންސަވީސް އަހަރު ކުރިން ދިން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅެނީ މީހުން ދިރިއުޅެން ހެޔޮވާ ވަރުގެ ތަންތަނުގައި ނޫން ކަމަށް ވެސް މީކައިލް ވިދާޅުވިއެވެ.

އެފްލެޓުތައް ވީރާނާވެ ގޮސްފައިވަނީ ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ކަމަށާއި ފްލެޓުތައް ދެނީ ދިގު މުއްދަތެއްގައި ދިރިއުޅުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދާ ދިނުމަށް ކަމަށްވާތީ އެމަގުސަދު ހާސިލުނުވާނަމަ އެކަމަކީ ވެސް ބެލެން ޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.