Last Updated: March 29, 13:51
Friday, March 29, 2024
ކުޅިވަރު

ރޮނާލްޑޯ 700 ވަނަ ގޯލު ޖެހިއިރު ޕޯޗުގަލްއަށް ބައްޔެއް

getty

ޔޫރޯ ކޮލިފައިންގައި ޔުކްރެއިން އަދި ޕޯޗުގަލް ބައްދަލުކުރި މެޗު ޕޯޗުގަލް ކެޕްޓަންއަށް ވެގެން ދިޔައީ ވަރަށް ޚާއްސަ މެޗަކަށެވެ. ތިން ޕޮއިންޓު ނުލިބުނު ނަމަވެސް މިމެޗުގައި ރޮނާލްޑޯ ޕޯޗުގަލްއަށް ކާމިޔާބު ކޮށްދިން ގޯލަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ޖެހި 700 ވަނަ ގޯލެވެ.

ޔުކްރެއިންގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ. ރަނގަޅު ކުޅުމެއް ދެއްކި ޔުކްރެއިނުން 6 ވަނަ މިނެޓުގައި ޔަރެމެކުޗްގެ ގޯލަކުން ލީޑު ނެގިއިރު 27 ވަނަ މިނެޓުގައި ޔަރްމޮލެންކޯގެ ގޯލަކުން ލީޑު ފުޅާކުރިއެވެ.

ޕޯޗުގަލްއަށް މެޗުގެ ހަމައެކަނި ގޯލު ޖެހިފައިވަނީ 72 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީއަކުންނެވެ. އެޕެނަލްޓީ ހޯދުމުގައި ޔުކްރެއިންގެ ސްޓެފެންކޯ އަށް ރެފްރީ ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

ޕޯޗުގަލްއަށް މިމެޗުން މޮޅުނުވެވުމުން އެޓީމަށް ވަނީ ކޮލިފައި ވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ގްރޫޕްގެ އެއްވަނާގައި ޔުކްރެއިން 19 ޕޮއިންޓާއެކު އޮތް އިރު ޕޯޗުގަލް އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސާބިއާ އަށް ވަނީ 10 ޕޮއިންޓޫ ލިބިފައެވެ.