ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިމަހުގެ 7 ވަނަ ދުވަހު ކިޑްނީ ޑައިލިސިސް ސެންޓަރެއް ހުޅުވާ އިރު މި ހިދްމަތް ބޭނުން 19 މީހަކު އެބަތިއްބެވެ.
އަމިއްލަ އަތޮޅުގައި ތިބެގެން މި ހިދަމަތް ބަރާބަރަށް އިތުބާރާއި އެކު ލިބިގެން ދިއުމަކީ މި އެންމެންގެ ވެސް އުންމީދެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ޑައިލިސިސް ހަދާނެ ދެ މެޝިން ލިބި އިންސްޓޯލް ނުކުރެވި އުޅެނިކޮށް މި އަތޮޅުގެ ހެޔޮ އެދޭ މީހެއްގެ އެހީތެރިކަމާ އެކު ޑައިލެސިސް ސެންޓަރު ނިންމާފައި ހުންނަތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.
ނަމަވެސް ނުހުޅުވި ލަސްވަނީ އެކަމަށް ބޭނުންވާ ބައެއް ކެމިކަލް ނެތިގެން ކަމަށްވެ އެވެ.
ޖުލައި 7 ވަނަ ދުވަހު ޑައިލިސިސް ސެންޓަރު ހުޅުވާނެކަމަށް ހޮސްޕިޓަލުން ބުނެފައިވާ އިރު މިކަމަށް ބޭނުންވާ ކެމިކަލް އަދި ހޮސްޕިޓަލަށް ނުލިބެއެވެ. ބައެއް ފަރާތަކުން ބުނާގޮތުން މާލޭގައި ކެމިކަލް ލިބެން އެބަހުއްޓެވެ. ނަަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އަދިވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މާލޭ އައިޖީއެމްއެޗްގައި ކިޑްނީ ޑައިލިސިސްގެ ހިދްމަތް ހޯދަމުން އަންނަ އާއިލާއަކުން ބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހިދްމަތް ފެށޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ބުނީ އައިޖީއެމްއެޗުން ބަލި މީހާ ބޭރުކޮށްލަން އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ގަދަ ދައްކައިގެން ތިބީ ކަމަށެވެ.
މާލޭގެ ބޮޑު ކުލީގައި އެތައް ދުވަހެއް ވަންދެން މި ހިދްމަތް ހޯދަން ޖެހިފައި ތިބި މީހުންގެ އާދޭހަކީ ސިޔާސީ ކަމަކަށް ނަހަދައި މިކަން ފުރިހަމަ އަށް ކުރެވޭނެ ނިޒާމެއް ގާއިމްވުމެވެ.
މަލޭގައި ޑައިލިސިސް ހަދަމުން އަންނަ އެހެން އާއިލާގެ ބޭފުޅަކު ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރު ވަރަށް އަވަހަށް ހުޅުވާ ހަބަރު ލިބިގެން މީގެ ދެ ހަފްތާ ކުރިން އައްޑު އަށް އައިސް މިހާރު އަނެއްކާ ވެސް އެނބުރި މާލެ ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ ހޮސްޕިޓަލުގައި މި ހިދްމަތް ވަރަށް އަވަހަށް ފެށޭ ހަބަރު. މާލޭގައި އަޅުގަނޑު މެން ތިބޭނެ ތަނެއް ނެތް. އެހެންވެ ރަށައް އައީ. އެކަމަކު ފަހުން އެގުނީ އަވަހަކަށް ހުޅުވެން ނެތް ކަން. އެހެންވެ އަނެއްކާވެސް އެނބުރި މާލެ ދާން ޖެހުނީ." އޭނާ ބުންޏެވެ.
ހިތަދޫ ހޮސްޕިޓަލްގައި މިކަމަށް ވަނީ މުވައްޒަފުންވެސް ތަމްރީނުކޮށް ނިމިފައެވެ. އެހެންވެ މިހާރު ބޭނުންވަނީ މިކަން އަވަހަށް ފެށި ކުރިއަށް ދިއުމެވެ.
އެތައް އާއިލާއެއް މާލޭގެ ބޮޑު ކުލީފައި ކުދި ކޮޓަރި ތަކުގައި ބަލި މީހުން ގޮވައިގެން އެބައުޅެއެވެ. އެ އެންމެންވެސް މިތިބީ މިކަމުގެ އިންތިޒާރުގަ އެވެ.