އުސޫލުތަކުގެ ބޭރުން ބާތިލްކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދަކަށް ފައިސާ ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އަލަށް އައްޔަން ކުރި އޭސީސީގެ މެންބަރުން މިއަދު ފުރަތަމަ ފަހަރަށް މީޑިއާޔާ ބައްދަލު ކުރައްވައި ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ބަދަލު ދިނުމާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ އެ ކޮމިޝަނުން މިހާރު ބަލަމުން އަންނަ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނީ އެންމެ މައްސަލައެއް ކަމުގައިވީ ނަމަވެސް މައްސަލަ ބަލަމުންދާ އިރު މިހާތަނަށް ހަދާފައިވާ ހުރިހާ ސެޓަލްމެންޓެއް ވަކި ވަކިން ތަހުގީގު ކުރާނެ ކަމަށެވެ.
ސަރުކާރުން ބުނީ ބަދަލުގެ ގޮތުގައި މި ސަރުކާރު އައިފަހުން ބިލިއަނެއްހާ ރުފިޔާ ދީފައިވާ ކަމަށެވެ. މި މައްސަލަތަކާއި ގުޅިގެން ސަރުކާރަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ހާއްސަ ގޮތެއްގައި އެންމެ ފަހުން ބަދަލު ދިން ނޫމަޑިއަށް 50 މިލިއަން ޑޮލަރު ދިން މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އެ ކުންފުނީގެ އިތުރުން ބިޒްނަސް އިމޭޖަސް ގްރޫޕް (ބިގް)އަށް 78 މިލިއަން ރުފިޔާ އާއި، ސީޖީޓީއަށް 22.7 މިލިއަން ރުފިޔާ އާއި ދީބާާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ޖެހިފަ އެވެ އޭގެ ތެރެއިން ބިގަށް ވަނީ 30 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.