Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ހައުސިން މިނިސްޓްރީ މުވައްޒަފުންތަކެއްގެ ޝަކުވާ މިނިސްޓަރަށް

ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު -- ފޮޓޯ / އައްޑޫލައިވް

ހައުސިން މިނިސްޓްރީގައި ތިއްބެވި ސިޔާސީ ފަރާތްތަކުގެ ސަބަބުން އެ މިނިސްޓްރީގައި މަސައްކަތް ކުރަން ދަތިވާ ކަމަށްބުނެ، އެމައްސަލަ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއާ ހަމައަށް މުވައްޒަފުންތަކެއް ގެންގޮސްފި އެވެ.

އެ ސިޓީގައި ވަނީ ވަރަށް ގިނަ މައްސަލަތައް ފާހަގަކޮށްފައެވެ. އެގޮތުން ޒާތީ ގޮތުން މުވައްޒަފުންނާއި ޖައްސަލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ސިޓީގައި ސިޔާސީ ފަރާތްތަކުގެ އިތުރުން އެ މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވިސް އިސް ފަރާތްތަކުގެ ވާހަކަތައް ވެސް ވަނީ ހިމަނާފައެވެ.

އެ މުވައްޒަފުން ބުނީ ސަބަބަކުން ކުރެ ސަބަބަކާއި ނުލާ މުވައްޒަފުންނަށް ފުރައްސާރަކޮށް ބަދުބަސް ބުނަމުންދާ ކަމަށާއި މުވައްޒަފުންނާއި މުހާތަބު ކުރަނީ ހުތުރުބަހުން ކަމަށެވެ. އަދި މުވައްޒަފުންގެ ކަރާމާތާއި އަބުރު ގެއްލޭ ފަދަ ކަންކަންވެސް ކުރަމުންދާ ކަމަށް އެ މިނިސްޓްރީގެ މުވައްޒަފުންގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކުގައި މަސައްކަތް ކުރަން ހަދާފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ބޭރުން މަސައްކަތް ކުރަން މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އެ ސިޓީގައި ބުނީ މީގެކުރީގެ ސަރުކާރުތަކުގައި ދިމާވެފައިވާ ހުރި ސިޔާސީ ބޭފުޅުންނާއި އަޅާ ބަލާއިރު މި ސަރުކާރުގެ ސިޔާސީ ބޭފުޅުންނަކީ މަސައްކަތް ނުކުރާ ތަނުގައި ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތަށް ހުރަސް އަޅާ ބައެއް ކަމަށެވެ.

އަދި އެ މައްސަލަތަކަށް ހައްލެއް ނުލިބިއްޖެ ނަމަ އެ މިނިސްޓްރީގައި މަސައްކަތް ކުރަމުންދާ ރަނގަޅު މުވައްޒަފުންތަކެއް ވަރަށް އަވަހަށް އެ މިނިސްޓްރީ ދޫކޮށް ދާނެ ކަމަކީ އެކަށީގެންވާ ކަމެއް ކަމަށް މުވައްޒަފުންތައް ސޮއިކޮށް ހައުސިން މިނިސްޓަރަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެކަމާއި ގުޅިގެން ހައުސިން މިނިސްޓްރީގެ ނާއިބު އަލީ ޝާމިން ވިދާޅުވެފައި ވަނީ އެފަދަ ސިޓީއެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެއީ ކާކު ކަމެއް ނޭނގޭ ކަމަށެވެ. އަދި އޭގައިވާ ނަންބަރަށްވެސް ގުޅާފައިވާ ކަމަށާއި އެހެންނަމަވެސް އެ ނަންބަރަށް ނުގުޅޭ ކަމަށް ޝާމިން ވިދާޅުވިއެވެ އޭނާ ވިދާޅުވީ އެ ސިޓީގެ ސައްހަ ކަމާއި މެދުގައި ސުވާލު އުފެދޭ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއްތޯ މިނިސްޓްރީން ބަލާނެ ކަމަށެވެ.