Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓު: ފޮޓޯ / އަވަސް

ހައިކޯޓުގެ ބެންޗަށް އިތުރު ކުރި ދެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ހުޅުވާލައިފިއެވެ.

ހައިކޯޓު ފަނޑިޔާރުންގެ ބެންޗަށް އިތުރު ދެ ފަނޑިޔާރުން އިތުރު ކުރީ ނިމިދިޔަ 18ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ 2017ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު ތަސްދީގު ކުރައްވާތާ ތިން މަސް ތެރޭގައި އެ މަގާމަށް ފަނޑިޔާރުން އައްޔަން ކުރަންވާނެ ކަމަށެވެ. ނަމަވެސް މިހާރު އޭގެ ފަހުން ވަނީ ދެއަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. ފަނޑިޔާރުން އައްޔަން ނުކުރެވި ދިގުލައިގެން ދިޔަ ސަބަބެއް ނޭނގެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ކޮށްފައިވާ އިއުލާނެއްގައި ބުނީ އުމުރުން 25 އަހަރުން މަތީގެ ފަރާތްތަކަށް އެ މަގާމަށް ކުރިމަތި ލެވޭނެ ކަމަށާއި ނަމަވެސް އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ިސްލާމީ ޝަރީއާގެ ރޮނގުން ނުވަތަ ގާނޫނުގެ ރޮނގުން ނުވަތަ ނުވަތަ އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި ނުވަތަ އެ ދެކަމުން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާވެސް އެ މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންވާނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 21ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ޖޭއެސްސީއަށް އެމީހެއްގެ ވަނަވަރާއި އަދި ތައުލީމީ ސެޓްފިކެޓުތަކާއި އެކު ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އިއުލާނުގައި ބުނެފައިވަނީ މަހު މުސާރައެއްގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެ ކަމަށާއި ލިވިން އެލަވަންސެއްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ ކަމަށެވެ. ރިސްކު އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ ލިބޭއިރު ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް މަޖިލީހުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބިގެންދާނެއެވެ.

ހައިކޯޓު ބެންޗުގައި މިހާރު ތިއްބަވަނީ 9 ފަނޑިޔާރުންނެވެ.