އިސްލާމީ އަސާސްތަކަށް ބޭއިހްތިރާމް ކުރެވޭ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.
އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓު ކުށްވެރިކޮށް އެޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީއެންގެ އެ އަމަލަކީ މުސްލިމު ރައްޔިތުން ބައިބައިކޮށް މާތްވެގެންވާ އިސްލާމްދީން މި ފަސްގަނޑުން ފޮހެލުމަށް ދުރާލާ ރޭވިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެ ރިޕޯޓު ނެރުނު ފަރާތްތަކާމެދު ގާނޫނީ އިމުގެތެރެއިން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށް އެމްޑީއޭއިން ބުނެއެވެ.
ނޫސްބަޔާނުގައި ބުނީ، ރާއްޖެއަށް ނިސްބަތްވާ ބަޔަކު އެފަދަ ހަޑިމުޑުދާރު އަމަލެއް ހިންގިކަން އެއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އަމާން ދިވެހި ފަސްގަނޑު ފަސާދައިން ތަޣައްޔަރުވެ ހިނގާދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމެއް ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންނާއި އާއްމު ރައްޔިތުން އަންނަނީ އެ ރިޕޯޓު ނެރުނު ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ. އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާއިރު ފުލުހުން ބުނަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. ޔޫތު މިނިސްޓްރީން މިހާރު ވަނީ އެ ޖަމިއްޔާ ސަސްޕެންޑު ކޮށްފައެވެ.