Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އެންމެ ކުޑަ އުޖޫރަ ލިބޭ މީހާގެ އަތުން އިންކަމް ޓެކްސް ނަގަންޖެހޭ: ގާސިމް

ގާސިމް އިބްރާހީމް --

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ އިންކަމް ޓެކްސްގެ ބިލު ފާސްކުރެވިގެން ދާންޖެހޭނީ އެންމެނަށްވެސް ހަމަހަމަކޮށް ކަމަށާއި ވަކި މީހަކަށް ނުވަތަ ބަޔަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހެޅީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. ފިނޭންސް މިނިސްޓްރީން މީގެކުރިން ބުނީ ސަރުކާރުން ހުށަހަޅާފައިވަނީ އަހަރެއްގެ މައްޗަށް 480،000 ރުފިޔާ އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ. އެގޮތުން 480،000އިން ފެށިގެން 720،000އާ ހަމައަށް އާމްދަނީ ލިބޭ ފަރާތްތަކުން 8 ޕަސެންޓުގެ އިންކަމް ޓެކުހެއް ނަގާ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ. އެބިލުގައި އިތުރަށް ހިމަނާފައިވަނީ 720،000 ރުފިޔާއިން 1،200،000 ރުފިޔާއާ ހަމައަށް އާމްދަނީ ލިބޭ ފަރާތްތަކުން 10 ޕަސެންޓުގެ އިންކަމް ޓެކުހެއް ދައުލަތަށް ދައްކަން ޖެހެއެވެ. އަދި 1،200،000އިން މަތިން އާމްދަނީ ލިބޭނަމަ 15 ޕަސެންޓުގެ އިންކަމް ޓެކުހެއް ދައްކަން ޖެހޭނެ ކަމަށް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ކުނޫޒުގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހީމް ވިދާޅުވީ އިންކަމް ޓެކްސް ނެގުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަން ޖެހޭނީ އިންސާފުވެރިކޮށް ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައުމު ބިނާ ކުރުމުގައި އެންމެ ހަމަހަމަވާން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގައިވެސް ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަވާން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"އިންތިހާބުތަކަށް ބަލާއިރު އެ އިންތިހާބުތަކުގައިވެސް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާނެ. އެކަމަކު ލެވޭނީ އެންމެ ވޯޓެއް. އެއީ ކިތަންމެ މުއްސަނދި އަދި ކިތަންމެ ނިކަމެތި މީހަކަސް ހުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލެވޭނީ އެންމެ ވޯޓެއް،" ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމަކީ އެންމެންގެވެސް ގައުމު ކަމަށާއި ގައުމު ތަރައްގީ ކުރުމުގައި ވަކި ބަޔަކު އިސްތިސްނާވެގެން ނުވާނެ ކަމަށެވެ. އެގޮތުން ގައުމުގެ ކޮންމެ ފަރުދެއްގެ އަތުން އިންކަމް ޓެކްސް ނެގެން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިސާލަކަށް 100،000 ރުފިޔާ ލިބޭ މީހަކު ދައްކަންޖެހެނީ 10 ޕަސެންޓުގެ އިންކަމް ޓެކްސް. އެމީހާ ދައްކަން ޖެހޭނެ 10،000 ރުފިޔާ. އެކަމަކު 10،000 ރުރިފާ އާމްދަނީގެ ގޮތުގައި ލިބޭ މީހާ 10 ޕަސެންޓުގެ އިންކަމް ޓެކްސް ދައްކަންޏާ މި ޖެހެނީ 1000 ރުފިޔާ ދައްކަން. 5000 ރުފިޔާގެ އާމްދަނީ ލިބޭ މީހަކު ދައްކަން ޖެހޭނީ 500 ރުފިޔާ،" ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމުގެ ކޮންމެ ފަރުދަކުވެސް އިންކަމް ޓެކްސް ނަގަންޖެހޭނެ ކަމަށާއި ވަކި ބަޔަކު ބާކީ ކޮށްފައި ވަކި ބަޔަކު އިންކަމް ޓެކްސް ނެގުމަކީ އިންސާފެއް ނޫން ކަމަށެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ލިބޭ މީހާވެސް އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް ޖީއެސްޓީއާ ބީޕީޓީއާ ޓީޖީއެސްޓީވެސް ދައްކަން ޖެހޭ ކަމަށާއި ނަމަވެސް އެންމެ ކުޑަ އުޖޫރަ ލިބޭ މީހާ އޭގެއިން އިސްތިސްނުވާ ކަމަށެވެ. އަދި އެންމެ މުއްސަނދި މީހާ ދައްކަން ޖެހޭ އަދަދު ބޮޑު ނުވާ ކަމަށެވެ.

އާމްދަނީން ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެއީ ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަ ކުރުމަށްޓަކައެވެ.