Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ހަމަހަމަކޮށް މިނިމަމް ވޭޖު ކަނޑަނާޅައިފި ނަމަ ޒަހަރަކަށް ވެދާނެ: ގާސިމް

ވަޒީފާ އަދާކުރާ ފަރާތްތަކަށް ސަރުކާރުން ކަނޑައެޅުމަށް ނިންމާފައިވާ އެންމެ ކުޑަ އުޖޫރަ ދޭ ކަމަށްވާނަމަ އެކަން ކުރަންވާނީ ހަމަހަމަ އުސޫލަކުން ކަމަށާއި އެހެން ނޫން ކަމަށްވާނަމަ އެކަން ބޮޑު ޒަހަރަކަށް ވެދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް ރޭ މެންބަރުންތަކެއް ސޮއި ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެ މަސައްކަތަކީ އެމަނިކުފާނު ތާއީދު ކުރައްވާ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް އެމަސައްކަތް ކުރަންވާނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތަށް ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު ވަކި ދާއިރާއަކަށް ހާއްސަކޮށްގެން އެކަން ކޮށްގެން ނުވާނެ ކަމަށާއި އެކަން ކުރަންވާނީ އެންމެނަށްވެސް ހަމަހަމަކޮށް ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ސެކްޓާތަކަކަށްވެސް އެއް ހަމައަކުން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިނިމަމްވޭޖް ކަނޑައަޅާފައިވޭ. ނަމަވެސް އެކަން ކުރެވޭ ގޮތަކުން އެ ވެދާނެ ވަރަށް ބޮޑު ޒަޚަރަށްވެސް. އެހެންވީމަ ވަރަށް ވިސްނުންތެރިކަމާއެކު، ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަން ކުރައްވަންވާނީ.. ވަކި ސެކްޓަރަކަށް ވަކި ދާއިރާއަކަށް ނުވަތަ ވަކި މީހަކަށް މާ ބޮޑު ބުރައެއް އަންނަ ގޮތަކަށް، ވަކި ސެކްޓަރެއްގައި މަސައްކަތް ކުރާ ބަޔަކަށް މިނިވަންވޭޖަކީ މިއޭ، އެޔޭ، ކިޔައިގެން ކަނޑައަޅަން ވެއްޖެނަމަ އެ މުޅިން ގޯސްވީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނުއުފުލޭވަރުގެ ބޮޑު ބުރައެއް އުފުލަން ޖެހިއްޖެނަމަ ރާއްޖެ ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ. އޭގެ ސަބަބުން ދިވެހިންގެ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަންވެސް ފުޑުފުޑުވެގެންް ހިނގައިދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ދިވެހިން ކުރި ނާރާނެ ކަމަށާއި ގައުމަށް ލިބޭ ހުރިހާ އާމްދަނީއެއް ދާނީ ތަފާތު ގޮތްގޮތަށް ބޭރުވެގެން ކަމަށެވެ.