Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަކީ ތަރައްގީގެ ބިންގާ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ ތަރައްގީގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދިނުމާއެކު، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ތަސައްވަރަކީ މުޅި ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅުއްވީ އެކަމުގެ ނަތީޖާ ހާސިލު ކުރުމަށް ކަމަށެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދޭ ގޮތަށް ވެސް ބިލަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.