Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ އަލުން ދީފި

ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ހުއްދަ އަލުން ދޭން ފަށައިފި އެވެ.

ކެމިކަލް އެތެރެކުރުން ހުއްޓާލަން ވަގުތީ ގޮތުން ނިންމީ މިދިޔަ މަހުގެ 20ވަނަ ދުވަހު މާލޭގެ ހެންވޭރުގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު އެވެ. އަދި އޭގެފަހުން މާލޭގައި ކައިރި ކައިރީގައި އަލިފާނުގެ އެތައް ހާދިސާތަކެއް ވެސް ހިނގި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަން ކުރުމުގެ ގަވާއިދެއް މިހާރު އެކުލަވާލައި އާންމު ކޮށްފައި އޮތުމުން ރައްކާތެރި ކަމާއެކު އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމު ހަމަޖައްސައިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަން ކުރާނަމަ، ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަަށެވެ.

މިދިޔަ މަހުގެ 20ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި އެތައް ސަތޭކަ ބަޔެއްގެ ގެދޮރު ގެއްލިގެން ދިޔައެވެ. އޭގެފަހުން މާލޭގައި ދެން ހިނގާދިޔަ ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ. މި ހާދިސާގައި އެތައް ބަޔަކަށް އަނިޔާވެސް ވިއެވެ.