ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޒިޔާރަތްކުރައްވައިފިއެވެ.
މިއަދު މެންދުރު ޖަޕާނުގެ މަނަވަރަށް ޑިޕެންސް މިނިސްޓަރ ވަޑައިގެންނެވުމުން އެކަމަނާގެ ޝަރަފުގައި އެ މަނަވަރުން ވަނީ އޮނަރގާޑެއް އަރުވައި މަނަވަރާ ބެހޭގޮތުން ޑިފެންސް މިނިސްޓަރަށް ވަނީ މަޢުލޫމާތު އަރުވާފައެވެ.
ޑިފެންސް މިނިސްޓަރ ޖަޕާނުގެ މަނަވަރަށް މިކުރެއްވި ޒިޔާރާތުގައި މިނިސްޓަރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖަޕާނުގެ ދެ މަނަވަރު ރަޙުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެ އައިސްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ތިން ދުވަހުގެ ދަތުރެއްގައެވެ.