Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ސަން

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅާފައި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި އެ ކޮމިޝަނަށް ހާޒިރުވުމަށް އެންގުމުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށް ވިދާޅުވެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ސިޓީފުޅަކުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި މެދު ހަގީގަތާއި ހިލާފަށް ވާހަކަތަކެއް އާއްމު ކުރެއްވުމަކީ ޖޭއެސްސީގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅުއްވާ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމި ނިންމާ، އެ ކޮމިޝަނުން ފޮނުވި ނަސޭހަތުގެ ލިޔުމާއި ހަވާލުވާން އިންކާރު ކޮށްފައިވާތީ އެމަނިކުފާނުގެ ސުލޫކީ އިތުރު މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެން ކުރާ ހުކުމްތަކުގެ މައްސަލަ ޖޭއެސްސީއަށް ނުބެލޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއްވެސް މައްސަލައެއްގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، އެ ނިންމުމަށް ގޮންޖަހައި އެ ނިންމުން ނިންމި ފަނޑިޔާރު ނުފޫޒު ފޯރުވައި ބިރު ދައްކައި އަދި އެ ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުންފަދަ ކަންކަމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.

އަދި ޖޭއެސްސީއާ ދުސްތޫރީ ގޮތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ބަލާއިރު ވެސް ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ކަހަލަ ނިންމުމެއް މުރާޖައާ ކުރުމާއި އެއްވެސް ފަނޑިޔާރަކަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމަށް އެއްވެސް ކަހަލަ އިޖުރާއަތެއް ހިންގުމުގެ އެއްވެސް ކަހަލަ ބާރެއް ނުވަތަ އިހުތިސާސެއް ވެސް ޖޭއެސްސީ އަށް ލިބިގެން ނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.