Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު ރައީސް ސޯލިހު

ރާއްޖޭގައި ސިނގިރޭޓުން އަހަރު 1.6 ބިލިއަން ރުފިޔާ އަޅިޔަށް ހަދާ: ރައީސް

ދިވެހި ރާއްޖެއަށް އަހަރަކު 1.6 ބިލިއަން ރުފިޔާ ސިނގިރޭޓު އަޅިއަށް ހަދައި އިސްރާފު ކުރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުޑަހުވަދޫގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްްމަދު ސޯލިހު ވިދާޅުވީ އަހަރަކު ރާއްޖެއަށް 460 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އެތެރެ ކުރާ ކަމަށާއި އެއީ އިސްރާފުކޮށް އަޅިޔަށް ހަދާލާ 1.6 ބިލިއަން ރުފިޔާ ކަމަށެވެ.

"ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބެއްޔަސް، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމު. ރާއްޖެއަށް އަހަރަކު 460 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އެބަ އެތެރެކުރޭ. އެއީ އަޅިޔަށް ހަދައި އިސްރާފުކުރެވޭ 1.6 ބިލިޔަން ރުފިޔާ."

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ފަހަކަށް އައިސް އެންމެ ގިނައިން މަރުވަނީ ގައިން ގަޔަށް ނާރާ ބަލީގައިކަމަށެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓު މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައިކަމަށެވެ. އަދި މީގެ ތެރެއިން ގިނަ ބަލިތަކަކީ ދުންފަތާއި ގުޅުން ހުރި ބަލިތައްކަމަށް ރައީސް ވިދާޅުވިއެވެ.

"ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންގެ ޢާންމު ޞިއްޙަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް، އަދި ވަރަށް ބޮޑު ނުރައްކަލެއް. މި ނުރައްކާ ނައްތާލަން އަޅުގަނޑުމެން އެބަ ތެދުވަންޖެހޭ"

ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އާއްމު ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ފަރުދީ ފެންވަރެއްގައި މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް ދިރިއުޅުމުގެ އާދަތަކާއި ކެއުންބުއިމުގައި ޞިއްޙީ މިންގަނޑަށް އިސްކަން ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު ސަރުކާރުން ވަނީ ދުންފަތުގެ ގަވާއިދަށް ބަދަލު ގެނެސް ވަކިން ސިނގިރޭޓު ނުވިއްކޭ ގޮތަށް ހަދާފައެވެ. އަދި ދުންފަތުގެ ބާވަތްތަކުގައި ދުންފަތުން ލިބޭ ގެއްލުން ދައްކުވައިދޭ ފޮޓޯ ޖެހުމަށް ވަނީ ލާޒިމްކޮށްފައެވެ.