އައްޑޫގައި ހުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި އިނގިރޭސީވިލާތުގެ ޔުނިވަސިޓީއެއް ހިންގަން ނިންމުމާ ގުޅިގެން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ ޔިނިވަސިޓީން އެތަނުގައި މަސައްކަތް ފަށާނީ ކޮން އިރަކުތޯ ބެލުމުގެ މަސައްކަތް ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އިއްޔެ މާލޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޔުނިވަސިޓީ ގާއިމު ކުރާ އިނގިރޭސިވިލާތުގެ ޓީމުން އައްޑު އައިސް އެތަން މިހާރު ބަލާފައި ވެސް ވާ ކަމަށެވެ.
"އެހެންވެ މިހާރު އަޅުގަނޑުމެން ބޭނުން ވަނީ އެ މީހުން އެތަނުގައި މަސައްކަތް ފަށައި ގަންނާނީ ކޮން އިރަކުންތޯ ބަލަން،" ރައީސް ވިދާޅުވި އެވެ.
އީސީސީގައި ޔޫކޭގެ ޔުނިވަސިޓީއެއް ހިންގަން ދޭން ނިންމި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެއީ ކޮން ޔޫކޭގެ ކޮން ޔުނިވަސިޓީއެއް ކަމެއް މިހާތަނަށް ވިދާޅެއް ނުވެ އެވެ. އައްޑޫގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި "ގައުމައިގެން ކުރިއަށް" ކޯލިޝަން ކެމްޕޭން ޖަލްސާގައި ވެސް ރައީސް ވިދާޅުވީ އީސީސީގައި ޔުނިވަސިޓީއެއް ހިންގާނީ ޔޫކޭގެ ފެންވަރު ރަނގަޅު ޔުނިވަސިޓިއަކުން ކަމަށެވެ.
ރައީސް އަދި ވިދާޅުވީ އީސީސީއަކީ ބޭނުން ނުކޮށް ހުރި އިމާރާތަކަށްވާ އިރު އެތަން ބަލަހައްޓަން ބޮޑު ހަދަރެއް ވެސް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެތަން ބަޔަކާ ހަވާލުކޮށްގެން ބޭނުންތެރި ތަނެެއްގެ ގޮތުގައި ހިންގުން މާ ރަނގަޅު ކަމަށް ވިދާޅުވި އެވެ.