Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މިހާރު ނޫހަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ރާއްޖެޓީވީން ދީފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންތަކަކާއި ބައްދަލުކޮށްގެން ރާއްޖެޓީވީގެ ދެ ނޫސްވެރިޔަކު ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށްބުނެ މިހާރު ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށާއި އެ މައްސަލާގައި އެ ނޫހަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ޓީވީން ބުނެފިއެވެ.

ރާއްޖެޓީވީން ބުނީ އޭސީސީގެ މެންބަރުންނާއި ބައްދަލުކޮށްގެން ރާއްޖެޓީވީގެ ނޫސްވެރިޔަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށެވެ. އެފަދައިން ފަތުރާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އަދި ބުނީ ޒިންމާދާރު ކަމެއްނެތި ހަގީގަތް ރަނގަޅަށް ނުބަލާ ފެތުރި އެ ހަބަރާއި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ޓީވީން ބުންޏެވެ.

މިހާރު ނޫހުގައި އިއްޔެ ޝާއިއުކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭސީސީގެ މެންބަރުންނާ ބައްދަލުކުރުމުން، ވަޒީފާއިން ވަކިކޮށްފައިވަނީ ސީނިއާ ވީޑިއޯ ޖާނަލިސްޓު ތަހާރަތު ވަހީދު (ތަހާ) އަދި ވީޑިއޯ ޗާނަލިސްޓް ހައްވާ މުހައްމަދެވެ.

މިމައްސަލައިގައި މިހާރު ނޫހަށް ދިން އިންޓަވިއުއެއްގައި ތަހާރަތު ބުނެފައިވަނީ އޭސީސީގެ މެމްބަރުންނާ ބައްދަލުކުރަން ދިޔައީ ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރަށް އަންގާ ހުއްދަ ހޯދާ، ހަބަރަށް ބޭނުންވާ މައުލޫމާތުތައް ސާފުކުރުމަށް ކަމަށެވެ. ނަމަވެސް ބައްދަލުވުމަށް ފަހު އޮފީހަށް ދިއުމުން، ސަސްޕެންޝަންގެ ސިޓީ ދީފައިވާ ކަމަށް ތަހާރަރު މިހާރު ނޫހަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.