Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ގާޒީ ހަސަން ސައީދަށް އެޅި ފިޔަވަޅު ގާނޫނާއި ހިލާފު

ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަލްއުސްތާޒް ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމީ ގާނޫނާއި ހިލާފަށްކަން ހާމަވެއްޖެއެވެ.

ޖޭއެސްސީން މިއަދު ބުނީ ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށާއި ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުކަމުން ވަކި ކުރުން ކަނޑައަޅައި ތަހުގީގު ކޮމެޓީން އެކުލަވާލި ރިޕޯޓު އެ ކޮމިޝަނަށް ބަލައިގަތުމަށް ނިންމި ކަމަށެވެ.

ޖޭއެސްސީން ބުނީ ތަހުގީގު ކޮމެޓީން އެކުލަވާލި ރިޕޯޓަށް ޖަވާބު ދިނުމަށް އަލްއުސްތާޒު ސައީދަށް އެ ކޮމިޝަނުން ފުރުސަތު ދިން ކަމަށާއި އެ ފުރުސަތުގައި ލިޔުމުން ހަސަން ސައީދު ޖަވާބު ހުށަހެޅުމުން އެ ޖަވާބަށް ރިއާޔަތްކޮށް ފަނޑިޔާރުގެ ސުލޫކަށް އަސަރު ފޯރާ ކަންތައްތަކެއް ހުރި ކަމަށް ޖޭއެސްސީން ނިންމި ނިންމުން ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެކަމުގެ ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތް ދިނުމާއި އެކު ފަނޑިޔާރު މިހާރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓަށް ހަސަން ސައީދު ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީގެ ގާނޫނުގައި ބުނެފައި ވަނީ ފަނޑިޔާރަކަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ފަނޑިޔާރަކު މަސައްކަތް ކުރަމުން އަންނަ ކޯޓު ބަދަލު ނުކުރެވޭނެ ކަމަށެވެ. މިއީ ދާދިފަހުން ގާނޫނަށް ގެނެސްފައިވާ އިސްލާހެކެވެ.

ގާޒީ ހަސަން ސައީދާއި ގުޅޭގޮތުން މީގެކުރިން ޖޭއެސްސީން ބޭއްވި އަޑުއެހުމެއްގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ އޭނާއާ ގުޅޭ ބަދުއަހުލާގީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ ކަމަށް ބުނެ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

އަދި އެ ވާހަކަތަކުގެ ސަބަބުން އާއިލާއަށް ބޮޑު ދެރައެއް ލިބި، މުޅި މުޖުތަމައުއަށް އޭނާ ބަދުނާމުވެގެން ގޮސްފައިވާ ކަމަށާއި އޭނާ އަކީ އެފަދަ ކަންތައްތަކާ ވަރަށް ދެކޮޅު މީހެއް ކަމަށްވެސް ކީރިތި ކުރައްވަމުން ގާޒީ ހަސަން ވިދާޅުވިއެވެ.