Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ސުޕްރީމް ކޯޓަށް އައްޔަން ކުރަން ދިޔާނާއާ މަހާޒުގެ ނަން ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް އަލީ ޒާހިރާއި ފާތިމަތު ދިޔާނާ ސައީދުގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި ދެ ބޭފުޅުންނަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން)ވެސް "ހައިލީ ރިކަމެންޑު" ކޮށްފައިވާ ދެ ނަމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ގދ.މަޑަވެލި، މޭނާ އަލްއުސްތާޒު މަހާޒު އަލީ ޒާހިރު އާއި ސ.ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޒާ ފާޠިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. ދިޔާނާއަކީ ކުރީގެ ބަންޑާރަ ނައިބުގެ މަގާމު އަދާ ކުރައްވާފައިވާ ކަނބަލެކެވެ. އޭނާއަކީ ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު އަނބިކަނބަލުންވެސް މެއެވެ.

މި ދެ ބޭފުޅުންގެ އިތުރުންވެސް ޖޭއެސްސީން ވަނީ މި މަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާއި ވެސް ބައްދަލުކޮށް އިންޓަވިއުކޮށްފައެވެ. މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާއެވެ. މި ތިން ބޭފުޅުންނަކީވެސް ހައިކޯޓުގެ ފަނޑިޔާރުންނެވެ. މަޖިލީހުން ވޯޓަށް އަހާއިރު މި ތިން ބޭފުޅުންނަށް ވެސް ވޯޓަށް އަހާނެއެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އެ މަޖިލީހުން ރުހުން ހޯދުމަށްފަހުއެވެ.