Last Updated: April 23, 14:18
Tuesday, April 23, 2024
ޚަބަރު

ޓެރަރިޒަމްގެ ގާނޫނު ހެދީ ދީނުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން ހިފަން: އިޔާޒު

ސަރުކާރުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސް އެ އިސްލާހު ފާސްކުރީ ދީނުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން ހިފުމަށް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު ހެދީ މީދާ ހިފަށް ދަތި ޖަހާ ގޮތަށް ދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުން ހިފަން ކަމަށެވެ. އަދި އެ ގާނޫނަކީ އޭގެ ޒާތުގައިވެސް "ޓެރަރިސްޓު" އެއްޗެއް ކަމަށް ޑރ. އިޔާޒުގެ ޓްވީޓުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީއެން މީހުން ދީނަށް ފުރައްސާރަ ކުރާ ރިޕޯޓު ނެރެމުން ދަނީ އެ ގާނޫނުގެ ނިވާ ފަތްގަނޑުގައި ތިބެގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ޓެރަރިޒަމްގެ ގާނޫނު ފާސްކުރީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. އެ ދުވަހު އެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްވުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުން، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށާއި، ނަމަވެސް އެގާނޫނުގެ ބޭނުން ނުރަނގަޅު ގޮތުގައި ނުހިފާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެހެންނަމަވެސް އެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ވެސް ފުލުހުން ހައްޔަރު ކުރީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާގެ އިސްވެރިންނަށް ފާޑު ކިޔަމުންދިޔަ ޒުވާނެކެވެ. އެހެންކަމުން ގިނަ އާއްމުން އަންނަނީ އެމްޑީއެން ރިޕޯޓު ނެރުނު މީހުން ހައްޔަރު ނުކޮށް ފިޔަވަޅު ނާޅާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.