Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ސޮނޭވާއިން މަޖިލިސް ގޯތިތެރޭގައި މަދިރި ނައްތާލާ އީޖާދެއް ގާއިމުކޮށްދީފި

ތިމާވެއްޓަށް ގެއްލުން ދެނިވި މާއްދާތައް ނުހިމެނޭ ގޮތަކަށް މަދިރި ނައްތާލާ އީޖާދީ އާލާތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރޭގައި މިއަދު ގާއިމުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރޭގައި މިނިޒާމު ގާއިމުކުރުމަށްޓަކައި މިއަދު ކުރިއަށްދިޔަ ހަރަކާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެންބަރުންނާއި ސޮނޭވާގެ ޕެސްޓް ކޮންޓްރޯލް މެނޭޖަރު އާކިބު ޖާހިރު ބައިވެރިވެވަޑައިގެންނެވި އެވެ.

މަޖިލީހުގެ ގޯތިތެރޭގައި މިއަދު ގާއިމުކުރި ފަސް މަދިރި ޓްރެޕްތަކަކީ ޖަރުމަނުގެ ބަޔޯޖެންޓްސް ކިޔާ ކުންފުންޏަކުން އުފައްދާފައިވާ އަދި ނެދަލެންޑްސްގެ ސައިންސްވެރިޔާ ބާޓް ނޮލްސް ރާއްޖެއަށް ތައާރަފުކޮށްދެއްވި ޓެކްނޮލޮޖީ އެކެވެ.

ސޮނެވާއިން ބުނީ މިނިޒާމަކީ ތިމާވެއްޓަށް ގެއްލުންދޭ މާއްދާތައް ނުހިމެނޭ ނިޒާމެއް ކަމަށެވެ. މިނިޒާމުގެ ތެރެއިން ކާބަންޑައިއޮކްސައިޑާއި ލެކްޓިކް އެސިޑުގެ އަސަރު މަދިރިތަކަށް ކުރުމާ އެކު މަދިރިތައް މަރުވާނެ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

ސޮނެވާއިން ބުނީ އެކުންފުނިން ބ. އަތޮޅުގައި ހިންގާ ސޮނެވާފުށީގައި މިއަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 495 މަދިރި ޓްރެޕް ގާއިމުކޮށްފައިވާ ކަމަށެވެ. މިނިޒާމުގެ ސަބަބުން އެރަށުން ގާތްގަނޑަކަށް މަދިރީގެ އާބާދީ ނެތި ގޮސްފައިވާ ކަމަށާއި އަދި ދޮންދޫންޏާއި ކުޅަނދުރު އަދި ކޮކާ ފަދަ ދިރޭ ސޫފިތަކުގެ ހަރަކާތްތައް އިތުރުވެގެން ގޮސްފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.