Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އެމްޑީޕީ މެންބަރުން ބޭނުން ނޫން ގޮތެއް ރާއްޖޭގައި ނުވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ރާއްޖޭގައި އަބަދުވެސް ކަންކަން ވެގެން ދާނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާއްމު މެންބަރުން ބޭނުންވާ ގޮތަށް ކަމަށާއި އެނޫން ގޮތަކަށް ރާއްޖޭގެ ކަންކަން ހިނގައިގެން ނުދާނެ ކަަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދެވަނަ ދައުރަކަށް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވިކަން އިއުލާން ކުރެއްވުމަށްފަހު މިރޭ ދަރުބާރުގޭގައި އެޕާޓީގެ އާއްމު މެންބަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރައްޔިތުން ކަމަކަށް ނިކުމެއްޖެ ކަމަށްވާ ނަމަ އެކަމެއް ކޮށް ނިންމާފައި ނޫނީ ގެއަށް އެނބުރި ނުދާނެ ކަމަށެވެ. 2008ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށްވެސް އެމްޑީޕީން އެ އަޒުމުގައި ހިތްވަރު އެލުވާލުމެއް ނެތި މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށް ނަޝީދު ވަނީ އެ މަސައްކަތްތައް ކުރި ހުރިހާ އާއްމު މެންބަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

"މި ޕާޓީއަކީ ތަރައްގީގެ ޕާޓީއެއް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަބަދުވެސް އުސޫލަކީ މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކުގެ މަތީގައި އަޅުގަނޑުމެން ތިބެ އަދި އަޅުގަނޑުމެންގެ ހަޔާތަށް ތަނަވަސް ކަމެއް ހޯދޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދުން. ވަޒީފާގެ ފުރުސަތު، ބޯހިޔާވަހިކަން އެއްތަނުން އަނެއްތަނަށް ދެވޭނެ ގޮތް…… އަޅުގަނޑުމެންގެ މުޅި ހަޔާތަށް ދިމާވާ ގޮންޖެހުންތަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ ގޮތްތައް. މި ޕާޓީ އަބަދުވެސް ތަސައްވަރަކާއި އެކީގައި މި ވެރިކަމަށް ނިކުންނަނީ. ތިބޭފުޅުންގެ މަސައްކަތުން މިޕާޓީ ވަނީ އިންތިހާއަށް ކާމިޔާބު ކޮށްފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު ރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް ސަރުކާރަށް އަދި އެމްޑީޕީއަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިންގަމުން އެ ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސަތެއް ނޫންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ހިންގަވަމުން ގެންދަވަނީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ.

"އަޅުގަނޑުމެނަށް މީގެ ދެމަހެއް ކުރީގާ ހިތަށްއެރި ސަރުކާރުން އަޅުގަނޑުމެން އެދޭ މިންވަރަކަށް ސްޕީޑުގާ ބައެއް ކަންކަން ކުރިއަށް ނުދާ ކަމަށް ހިތަށް ވަތް، ބައެއް ބޭފުޅުންގެ. އެހެން ނަމަވެސް…. ސަރުކާރުން މިހާރު އެވަނީ އެންމެ ބޮޑު އެއް މަސައްކަތް ކޮށް ނިންމާފަ. އެއީ ސްޓްރެޓީޖިކް އެކްޝަން ޕްލޭން. މަސައްކަތް ކުރިއަށް ދާނެ ގޮތުގެ މަގު، ރާސްތާ މިހާރު އެވަނީ އަޅުގަނޑުމެންނަށް ނިމިފަ. ހަމަ އެއާ އެކީގާ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ މިހާރު ސަރުކާރުން ޕްރޮޖެކްޓެއް ނުހިންގާ ދާއިރާއެއް ވަރަށް މަދުވާނެ މިހާރު،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލެއްވިކަން އިއުލާން ކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާ ކަމަށާއި އެމަނިކުފާނަށް ތާއީދު ކޮށްދިނުމަށް އެ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބް ރައީސްގެ މަގާމު މިހާރުވަނީ ހުސްވެފައެެވެ. އެހެންވެ އެޕާޓީން ވަނީ މިމަހުގެ 22 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމައި މި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.