Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ގާސިމް ވިދާޅުވަނީ ރާވެރިއެއްގެ ދަރިއަކަށްވެސް ތިނެތިން އެކަތި އޮންނަ ކަމަށް!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ގާސިމް އިބްރާހީމް --ފޮޓޯ / ރައީސް އޮފީސް

ރާވެރިއެއްގެ ދަރިއަކަށްވެސް ތިނެތިން އެކަތި އޮންނަ ކަމަށާއި ކުރީ ސަރުކާރުތަކުން ނިކަމެތި ކޮށްލި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭނާ ނިކަމެތި ކޮށް ނުލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"އެންމެންގެ ޖުމްހޫރީ ޕާޓީ" ނަމުގައި ވީޓިވީން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް އޭނާއާ ދޭތެރޭ ކަންތައް ކުރެއްވީ ވަރަށް ދެރަކޮށް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރަށް ތައުރީފު ކުރައްވާ ގާސިމް ވިދާޅުވީ މި ސަރުކާރުން އެފަދަ ކަމެއް އޭނާއާ ދޭތެރޭ ނުކުރާނެ ކަމަށެވެ.

"މުސްކުޅިން ބުނެ އުޅޭ ތިނެތިން އެކަތި އޮވޭ ރައިވެރިއެއްގެ ދަރިއަކަށް ވެސް. އެހެންވީމަ ކުރީގައި ދެ އެތި ފަހަރު، މިއީ ތިންވަނަ އެތި ފަހަރު، ދެ އެތި ފަހަރު ހިނގައްޖެ. އެކަމަކު މިފަހަރު އިރާދަ ކުރެއްވިއްޔާ އެކަހަލަ ނިކަމެތި ކަމެއް، ރައިވެރިއެއްގެ ދަރިއަކަށް އޮންނަންޏާ މިފަހަރު އަޅުގަނޑުމެން ވެސް ސަލާމަތް ވާނެތާ؟ ރަނގަޅުވާނެތާ؟ މިފަހަރު ފަހިކޮށް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ މި ސަރުކާރުގައި ކަންކަން އޮންނާނީ އޭނާއަށް ފަހި ގޮތަކަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ވަރަށް މަޑުމައިތިރި ކަމާއިއެކު ކެތްތެރި ކަމާއި، ވިސްނުންތެރި ކަމާއިއެކުގައި ކަންކަން ކުަރއްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ކުރީގެ ސަރުކާރުތަކަށްވުރެ ރައްޔިތުންނަށްވެސް އަދި ހުދު ގާސިމަށްވެސް ރަނގަޅަށް ކަންކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް މިފަދައިން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުން ގާނޫނާއި ހިލާފަށް އެއްބަސްވުންތައް އުވާލި ކުންފުނިތަކުގެ ތެރޭގައި އޭނާގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީ ކުންފުނި ހިމެނެއެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ކުންފުންޏަށް 29 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކޮށްފައެވެ. މަޝްވަރާ ކޮށްގެން އެ އަދަދު 15 މިލިއަނަށް ކުޑަކޮށް ދައުލަތުން ވަނީ މިހާރު އެ ފައިސާ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދީފައެވެ.