Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ޣައިރު ދީންތައް އަޔަނުދިއުމަށް ބަނދެފައި ހުރި ވާތަށް ދަނީ މޮހެމުން: އުމަރު

އުމަރު ނަސީރު

އެހެން ދީންތައް ރާއްޖެއަށް އަޔަނުދިނުމަށް ޒަމާނުއްސުރެ ބަނދެފަހުރި ވާތައް މަޑުމަޑުން ދޫކޮށް، އެ ވާތައް ކަނޑަމުން އަންނަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރޭ އުމަރުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރިި މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އެކަން ކުރި އެއްވެސް މީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.

އެގޮތުން އިސްލާމް ދީނަށް ފުރައްސާރަ ކޮށްގެން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްސަލަ އަދި ދައުވާ ކުރުމަށް ފޮނުވާފައި ނުވާކަން އުމަރު ފާހަގަ ކުރެއްވިއެވެ.

އުމަރު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓު ލިޔުނު މީހުންނާ މެދު ވެސް އަމަލު ކުރެވޭނީ އެގޮތަށް ކަމަށް ބެލެވޭ ކަމަށެވެ.

އުމަރު ވިދާޅުވީ ލާދީނީ މީހުންގެ ބޭނުމަކީ ދީނަށް ފުރައްސާރަ ކުރުމަކީ އާންމު ކަމެއް ކަމުގައި ހެދުން ކަމަށާއި އެމްޑީއެން އުވާލާ އެ ރިޕޯޓު ލިޔުނު މީހުން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެވިއްޖެ ނަމަ، ލަހެއް ނުވެ އެމީހުން ބޭނުންވާ ގޮތަށް، ދީނަށް ފުރައްސާރަ ކުރުން އާންމު ކަމަކަށް ވެދާނެ ކަމަށެވެ.

އަދި ލާދީނީ މީހުން ބޭނުންވަނީ މިފަދަ ކަންކަމަށް ދިވެހިން ހޭނުވަން ކަމަށާއި، ސަރުކާރުން ގާނޫނީ ފިޔަވަޅު ނާޅާ ނަމަ، އެކަން އެގޮތަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ލާދީނީ މީހުން އުޅޭ ކަމަށާއި ނަމަވެސް ސަރުކާރުން އެފަދަ މީހުން ހަމަ މަގަށް އަޅުވަމުން ގެންދިޔަ ކަމަށެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމުގެ ކެމްޕޭނެއް ހިންގަމުން ގެންދާ ކަމަށާއި އިސްލާމް މުގައްރަރު ކަމުނުދާ ކަމަށް ބުނެ ވަކާލާތު ކުރަމުން އަންނަ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީއެންއިން ރަސޫލާއާ އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރެ، އެކަމުގެ ސަބަބުން އާއްމު ރައްޔިތުންނާއި ދީނީ އިލްމުވެރިން ކަންބޮޑުވުންފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކުރުމަށް، ފުލުހުންނަށް އިސްލާމިކް މިނިސްޓްރީން ހުށަހަޅާފައިވާއިރު އެ ޖަމިއްޔާ މިހާރު ވަނީ ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް އާއްމު ރައްޔިތުންނާއި އިލްމުވެރިން އަންނަނީ އެ ޖަމިއްޔާ އުވާލާ އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރު ކުރުމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް އަންނަނީ އެކަމަށް ގޮވާލައި އެއްވުންތައް އެއްވަމުންނެވެ.