ހުސްވެފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ގޮތުން އެޕާޓީގެ ރައީސްގެ މަގާމުގައި މީގެކުރިންވެސް ހުންނެވި ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވައިފިއެވެ.
ރައީސް ނަޝީދުގެ ފޯމު ހަވާލުކުރެއްވީ އެމްޑީޕީގެ އޮފީހުގައި، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރަށެވެ. ފޯމު ހަވާލު ކުރެއްވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އެ ފޯމާއި އެކުގައި އެޕާޓީގެ ވަރަށް ގިނަ މެންބަރުންގެ ނަމާއި ސޮއި އަދި ފޯނު ނަންބަރު ހިމެނޭނެ ކަމަށެވެ. އެއީ އާއްމު މެންބަރުން އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު ކުރިމަތިލުމަށަ ދޭ ރުހުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސްކަމާއި ނާއިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މާދަމާގެ ނިޔަލަށް ފޯމު ހުށަހަޅަންޖެހެއެވެ. އެޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. ނަމަވެސް ނާއިބު ރައީސްގެ މަގާމަށް އެޕާޓީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްވެސް ކުރިމަތިލައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.
އެމްޑީޕީން ބުނީ މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ (19 އޮކްޓޫބަރ 2019) ގެ ނިޔަލަށް ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށެވެ. އެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބް އަންނަ މަހުގެ 22 ވަނަ ދުވަހު އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.