Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އެމްޑީއެން ރިޕޯޓު: ބައެއް މީހުން ފުލުހަށް ހާޒިރުވާން އަންގައިފި

އެމްޑީއެންގެ އިސް ފަރާތްތައް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް ބަދުބަސް ބުނެ ނެރުނު ރިޕޯޓުގެ މައްސަލާގައި ބައެއް ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމްޑީއެންގެ މައްސަލާގައި ފުލުހުން ކުރާ ތަހުގީގަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް ހާޒިރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި ބައެއް ފަރާތްތަކަށް މިހާރު ޗިޓު ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް ޗިޓު ފޮނުވީ ކޮން ބަޔަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެމްޑީއެންގެ ރިޕޯޓު ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުން ދަނީ ހާއްސަ ސަމާލު ކަމެއް ދީގެން ކަމަށެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެމްޑީއެންގެ މައްސަލައާ ގުޅުން ހުރި ކަންކަން ފުލުހުން ކުރަމުން ގެންދާ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް ނުފޫޒެއް އަދި ވަކި ފަރާތަކަށް ބުރަވުމެއް ނެތި އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ.

އެމްޑީއެންގެ މައްސަލައާ ގުޅިގެން ދީނީ އިލްމުވެރިންނާއި އާއްމުން އަންނަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އަދި އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް އަންނަނީ ގޮވާލަމުންނެވެ. ބައެއް ރަށްރަށުގައި އެ ޖަމިއްޔާ އުވާލުމަށާއި އެ ޖަމިއްޔާއިން ނެރުނު ރިޕޯޓާއި ދެކޮޅަށް އަންނަނީ އެއްވުންތައް އެއްވަމުންނެވެ. ޔޫތު މިނިސްޓްރީން މިހާރު ވަނީ އެ ޖަމިއްޔާ ސަސްޕެންޑު ކޮށްފައެވެ.