ކުރީ ސަރުކާރުން ދެ ކުންފުންޏަކަށް ވިއްކާލާފައިވާ އދ. ފުށިދިއްގާގެ މައްސަލަ ބޮޑުވެ ޓޫރިޒަމް މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އެރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިއަދުގެ ވަގުތެއްގައި ފުލުހުން ވަނީ އެރަށަށް ގޮސްފައެވެ. އަދި ފުލުހުންނާއި އެކު ޓޫރިޒަމް މިނިސްޓްރީގެ ޓީމެއްވެސް އެރަށަށް ދިޔައެވެ.
ފުށިދިއްގާއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވީ އެރަށުގައި ގަވާއިދާއި ހިލާފަށް ފަތުރުވެރިކަމުގެ ކަންކަން ކުރަމުން އަންނަ ކަމަށާއި އަދި ފަތުރުވެރިކަމުން ނަފާ ހޯދަމުން ވެސް އަންނަ ކަމަށެވެ. އެ މައުލޫމާތުތައް އެތަނުގައި ހުރިިއިރު އެރަށުގައި ތިބީ ދެ ބިދޭސީން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިނިސްޓްރީން ވަކި ގޮތެއް ކަނޑައަޅަންދެން އެރަށް ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނާނީ. އަދި ފުލުހުންގެ ހުއްދަ ނެތި އެރަށަށް އެއްވެސް ބަޔަކަށް ނޭރޭނެ،" އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެރަށުގައި ހުރި މީހުންނާއި ތިބި ތަކެތި ރަށުން ބޭލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މާދަމާ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން އެރަށުގައި ތިބި މީހުންނާއި އެރަށުގައި ތިބި މުދާތައް ރަށުން ބޭލުވޭނެ ކަމަށެވެ. ފުށިދިއްގާގައި ފަތުރުވެރިކަން ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ދީފައިވާ އެއްވެސް ހުއްދައެއް ނޯންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެރަށުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް ފަތުރުވެރިކަމުން ނަފާ ހޯދަމުން ގޮސްފައިވާތީ އެކަން ބަލާ ތަހުގީގު ކުރާނެ ކަމަށެވެ. އަދި އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެރަށަކީ، އެރަށުގެ ބެލެނެވެރިކަމާއި މެދު ހިޔާލު ތަފާތުވެފައިވާ ރަށެކެވެ. ރަށުގެ ބެލެނިވެރިކަމަށް ދައުވާކުރާ ދެ ފަރާތަކީ އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކާއި މޯލްޑިވިއާނާ ކިޔާ ކުންފުންޏެކެވެ. އެހެން ނަމަވެސް އަމިއްލަ ފަރާތަކުން ދަނީ އެތަނުގައި ޓޫރިސްޓުންނަށް ހިދުމަތްތަކަކާއެކު އެ ރަށް ގަވައިދާ ހިލާފަށް ހިންގަމުންނެވެ. އެ ރަށުން ނަފާ ހޯދަމުން ދަނީ އެ ރަށުގެ ހައްގުވެރިކަމަށް ދައުވާކުރި، އަހްމަދު ހަލީލް ކިޔާ ފަރާތެކެވެ.