ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ހަތަރު ބޭފުޅަކާއި އިންޓަވިއު ކުރެއްވުމަށްފަހު ތިން ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. މާދަމާ އެ ކޮމެޓީން ކުރިއަށް ގެންދިޔަ މަސައްކަތުގެ ކޮމެޓީ ރިޕޯޓު ހުށަހެޅުން އޮންނާނެއެވެ. އަދި އެއަށްފަހު ވޯޓަށް އަހާނެއެވެ. ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ ހުސެއިން ފިޔާޒް މޫސާއާ އަހުމަދު ފަޔާޒް ހަސަންގެ އިތުރުން އަހުމަދު އާހިދު ރަޝީދުގެ ނަމެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅެކެވެ.
އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ މިހާރު ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަންވާނެ އެވެ. އެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ މުއްދަތު ހަމަވީ ޖުލައި 22 ގަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. މީގެކުރިން އެ މަގާމުގައި ހުންނެވީ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.