Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަނީ މައިގަނޑު 21 ގައުމަކުން

ފުލުހުން މީގެކުރިން އަތުލައިގަތް މަސްތުވާތަކެތި - ފޮޓޯ: ޕޮލިސް

ރާއްޖެއަށް އާންމުކޮށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތައް ދައްކައިދޭ ޗާޓެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު އާއްމުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ ޗާޓުގައި ފާހަގަކޮށްފައިވަނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ކަނޑުމަގުންނާއި ވައިގެ މަގުންނާއި އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ގައުމުތައް ކަމަށެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ޗާޓުން ފެންނަ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ އޭޝިއާގެ ގައުމުތަކުންނެވެ. އެގޮތުން އޭޝިއާގެ 11 ގައުމު ޗާޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، ތައިލެންޑް، އީރާން، ގަތަރު، ޔޫއޭއީ، ކަޒަކިސްތާން އަދި އުޒްބެކިސްތާން ހިމެނެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ޔޫރަޕްގެ ފަސް ގައުމުތަކުގެ ތެރޭގައި ހިމެނެނީ ނެދަލޭންޑްސް، ޖަރުމަން، އިނގިރޭސިވިލާތް، ސްޕޭން އަދި ބެލްޖިއަމް އެވެ. އެފްރިކާ ބައްރަށް ބަލާއިރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ތިން ގައުމެކެވެ. އެއީ އިތިއޯޕިއާ، ބެނިން އަދި ޓޯގޯ އެވެ. އެމެރިކާ ބައްރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތަކުގެ ގޮތުގައި މިޗާޓުގައި ފާހަގަކޮށްފައިވަނީ ދެ ގައުމެކެވެ. އެއީ ބްރެޒިލް އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯ އެވެ. ކަސްޓަމްސްއިން ބުނީ ރާއްޖެއަށް މުދާ ސަޕްލައިކުރާ ސަރަހައްދުތަކުން މަސްތުވާތަކެތިވެސް އަންނަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި، ކަމާބެހޭ ފަރާތްތަކުން އެކަމަށް އިތުރަށް ފާރަވެރިވެފައިތިބި ކަމަށެވެ.

ރާއްޖެއަށް ސީދާ އެތެރެކުރާ މަސްތުވާތަކެތީގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކަށް ޑްރަގު ސަޕްލައި ކުރުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކާއި އަވަށްޓެރި ގައުމުތަކުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި މިއަހަރުގެ މިހާތަނަށް ވަނީ ރާއްޖެއަށް އެތެރެކުރަން އުޅުނު އެތަކެއް މަސްތުވާތަކެތި އަތުލައިގެންފައެވެ.