އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގެ ބޭނުން ނަހަމަ ގޮތުގައި ބައެއް ފަރާތްތަކުން ނަގަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ރިޕޯޓުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ހިފައި، ފިތުނަ ފަސާދައާ ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން ކުރަމުން އަންނަކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ވާހަކަތައް ފެތުރުމާއި ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކާ ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުންދާ ކަމީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ފުލުހުން ބުނީ އާއްމު ތަންތަނުގައި މީހުންގެ ފުރާނައާ ނަފްސަށް ގެއްލުން ދިނުމަށް ގޮވާލައި އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާއްމު ކުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ވަނީ އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ. ފުލުހުން ބުނީ ގާނޫނާއި ހިލާފު އަމަލުތައް ހުއްޓުވާ ރައްޔިތުންގެ ނަފްސާއި މުދާ ރައްކާތެރިކުރުމުގައި ފުލުހުން އަދާކުރަންޖެހޭ ދައުރު އަދާ ކުރުމުގައި ސާބިތުވެ ހުންނާނެ ކަމަށެވެ.
ފުލުހުން މިފަދައިން ބުނެފައިވާއިރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އިންޒާރުދިން މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި ދާދިފަހުން ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދީ މީހެއްގެ ފޮޓޯއެއް ޕޯސްޓުކުރި މީހަކުވެސް ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. އަދި އެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.