Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އަނިޔާވެރި ކަންކަމަށް ގޮވާލާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ނަޝީދު ގޮވާލައިފި

ނަޝީދު: ފޮޓޯ / ޕީއެސްއެމް

މީހުން މެރުމަށާއި އަނިޔާވެރި ކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި މީހުން މެރުމާއި އަނިޔާވެރި ކަންކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ގޮވާލާފައި މިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގެ ބޭނުން ނަހަމަ ގޮތުގައި ބައެއް ފަރާތްތަކުން ހިފަމުންދާ ކަމަށްބުނެ ފުލުހުން ބަޔާނެއް ނެރުނުތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. އެ ބަޔާނުގައި ފުލުހުން ބުނެފައިވަނީ އެ ރިޕޯޓުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ހިފައި، ފިތުނަ ފަސާދައާ ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން ކުރަމުން އަންނަކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ވާހަކަތައް ފެތުރުމާއި ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކާ ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުންދާ ކަމީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފުލުހުން ބުނީ އާއްމު ތަންތަނުގައި މީހުންގެ ފުރާނައާ ނަފްސަށް ގެއްލުން ދިނުމަށް ގޮވާލައި އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާއްމު ކުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.