މިވަގުތަކީ އެންމެންވެސް ގައުމީ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ގެއްލިއްޖެ ކަމަށްބުނެ ފެތުރެމުންދާ ހަބަރާއި ގުޅޭ ގޮތުން އާދަމް ޝަރީފް އެމަނިކުފާނުގެ ޓްވީޓާގައި ވިދާޅުވީ އިތުބާރު ގެއްލުނީ މިނިސްޓަރުގެ އެކަނި ނޫން ކަމަށެވެ. އަދި މިއަދު މުޅި ގައުމުގެ ނަން ކިލަނބު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބުޅާ ގޯނިން ބޭރުވެއްޖެ. ބިންގާ އެޅުނީ ކައްޗަށް. ރަނގަޅު ކުރެވޭނީ ސަރުކާރުން ގުރުބާންތަކެއް ވެގެން. މިއީ އެންމެންވެސް ގައުމީ މަސްލަހަތު އިސްކުރަންވީ ވަގުތު،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވިއިރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ގައުމު ވަނީ ހަލަބޮލި ކަމެއްގެ ތެރޭގައެވެ. ދާދިފަހަކާއި ޖެހެންދެން ސޯޝަލް މީޑިއާއިން ފެންނަމުން ދިޔައީ "ބޭން އެމްޑީއެން" މިފަދައިން ލިޔެފައިވާ ހޭޝްޓެގުތެކެވެ. ނަމަވެސް މިހާރު އެއާއެކުގައި މީހުން މެރުމަށާއި މަރުގެ އިންޒާރު ދިނުމުގެ މައްސަލަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ.
ފުލުހުން ވަނީ އެފަދަ ކަންކަން ނުކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި ގައުމު ބިނާ ކުރުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އިސް ކުރުމަށް ވަނީ ގޮވާލައިފައެވެ.