Last Updated: April 20, 18:01
Saturday, April 20, 2024
ރިޕޯޓް

ފޯނަށް އެޑިކްޓުވެ ރީހެބަށް!

ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް މިއަދު ސްމާޓްފޯނަކީ އެއާ ނުލާ ނޫޅެވޭނެ އެއްޗަކަށް ވަނީ ވެފައެވެ. ފޯނު އަތުން ދޫނުވެ އެތައް ގަޑިއިރެއް ހޭދަކުރެވޭއިރު އެއާނުލާ އެއްވެސް ކަމެއް ނުކުރެވޭ މީހުންވެސް މަދެއް ނޫނެވެ.

ދެކުނު ކޮރެއާގައި ސްކޫލް ކުދިންގެ ތެރޭގައި މިމައްސަލަ ދިމާވާ މިންވަރު އިތުރުވެ އެގައުމުގައި ވަނީ މިފަދަ ކުދިންނާއި ޒުވާނުން ފޯނުން ދުރުކޮށްދޭން ޑިޓޮކްސް ސެންޓަރުތައް ގާއިމްކޮށްފައެވެ. މަސްތުވާތަކެއްޗާއި ރަލާ ސިނގިރޭޓުން ދުރުވާން ބޭނުންވާ ގޮތަށް ސްމާޓު ފޯނާ ދުރުވާން މިސެންޓަރުތަކަށް ދާ މީހުން ވެސް މަދެއް ނޫނެވެ.

އިންޓަނެޓުގެ އަވާއިން ސަލާމަތްވުމަށް މިސެންޓަރު ފުރަތަމަ އުފެދުނީ 2007 ވަނަ އަހަރުގައެވެ. އެއަށްފަހު 2015 ގައި، ސްމާޓް ފޯނުގެ އަވާއިން ސަލާމަތްވުމުގެ ފުރުސަތު ހުޅުވާލައި ސެންޓަރު އިތުރަށް ފުޅާކުރެވުނެވެ.

ދެކުނު ކޮރެއާގެ ޖެންޑަރ މިނިސްޓްރީން ވަނީ މިދިޔަ އަހަރުގައި އެގައުމުގެ އެކި ހިސާބުތަކުގައި 16 ތަނެއްގައި ޑިޓޮކްސް ކޭމްޕުތަކެއް ބާއްވާފައެވެ. އެ ކޭމްޕުތަކުގައި 400 ވަރަކަށް ސްކޫލް ކުދިން ބައިވެރިވިއެވެ. ބައެއް ބެލެނިވެރިންނަށް ވެގެން ދިޔައީ މިކޭމްޕަކީ އޭނާގެ ދަރިފުޅު ފޯނާ ދުރުކުރުވުމަށް އޮތް ހަމައެކަނި ގޮތެވެ.

ޑިޓޮކްސް ކޭމްޕުތަކަކީ ހިލޭ ބައިވެރިވެވޭ ކޭމްޕުތަކެވެ. ހަމައެކަނި ކާނާއަށް 84 ޑޮލަރު ދެއްކުން ފިޔަވައި އިތުރު ފީއެއް ނުނަގައެވެ. ކޭމްޕުގައި އަންހެން ފިރިހެން ވަކިކޮށްފައި އޮންނައިރު ކުޅެނީ ފޯނާއި އިންޓަނެޓު ބޭނުންނުވާ ކުޅިވަރުތަކާއި ހަރަކާތްތަކެވެ. އަދި ކުރެހުމާއި ފަންނުވެރިކަމުގެ މަސައްކަތްތަކުގައި ދުވަސް ހޭދަކުރާއިރު ދުވަސް ނިންމާލަނީ 30 މިނެޓުގެ މެޑިޓޭޝަން ހަރަކާތަކަށް ފަހުގައެވެ.

ކޭމްޕުތައް ބާއްވަނީ ސިޓީއާ ދުރު ހިސާބުތަކުގައި ޔޫތް ސެންޓަރުތަކުގައެވެ. އޯގަނައިޒް ކުރާ ފަރާތުން ބުނެފައިވަނީ ފުރަތަމަ ދުވަހު ކުދިންނަށް ތިބެވެނީ ބޭއިޚްތިޔާރުގައި މާޔޫސީ ހާލަތެއްގައި ކަމަށެވެ. ފޯނު ޗެކް ކޮށްލުމަށް ދޭތެރެ ދޭތެރެއިން ބެލި ނަމަވެސް ފޯނެއް އަތުޖެހޭ ހިސާބު ނެތުމުން އުނދަގޫ ވެފައި ތިބޭ ކަމަށެވެ.

ނަމަވެސް ދެތިން ދުވަހަށް ފަހު ރަށްޓެހިންނާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެއްވި ފޯނާ ތަންކޮޅެއް ދުރުވެގެންދާ ކަމަށް ކޭމްޕް އިންތިޒާމް ކުރުމުގައި ބައިވެރިވި ޔޫ-ސުން-ޑުކް ބުނެފައިވެއެވެ. އަދި ސްމާޓްފޯނަށް "އެޑިކްޓް" ވުމަކީ ހަގީގީ މައްސަލައެއް ކަމަށާއި ނަމަވެސް ހައްލު ނުވެވޭނެ މައްސަލައެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.

[ސީއެންއެން]