Last Updated: June 10, 00:02
Tuesday, June 9, 2026
ރިޕޯޓް

ޓީޗަރުންނަށް ވާން ބޭނުން ކުދިންނަށް ސްކޮލަޝިޕް!

ޓީޗަރުކަންކުރަން ބޭނުންވާ ކުދިންނަށް ސްކޮލަޝިޕްތައް ކަނޑައަޅުއް ވާނެ ކަމަށާއި، ޓީޗަރުންގެ މުސާރައަކީ ޓީޗަރުންނަށް އިޙްތިރާމް ލިބޭވަރުގެ މުސާރައަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އެހެން ސްކޫލުތަކާ އަޅާބަލާ އިރު މި ވޭތުވެ ދިޔަ އަހަރު ޝަރަފުއްދީން ސްކޫލު ވަނީ ވަރަށް ފުރިހަމަ ނަތީޖާތަކެއް ހޯދާފައިކަން ފާހަގަ ކުރައްވަމުން، ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެއް ސަބަބަކީ، ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން މިހާބޮޑު ހިތްވަރެއް ކުރައްވައި، މި ބޮޑު ކާމިޔާބީއެއް ހޯއްދެވުން ކަމުގައި ވިދާޅުވި އެވެ.

އަދި އަނެއް ސަބަބަކީ، މިހާރު ޝަރަފުއްދީން ސްކޫލަކީ، ރާއްޖޭގެ ސްކޫލުތަކާ އަޅާބަލާ އިރު އެންމެ ކުރީ ސަފުގައި ހިމެނޭ ސްކޫލަކަށްވާތީ ކަމުގައި ރައީސް ވިދާޅުވި އެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކިޔަވައި ދިނުމާއި އުނގަންނައި ދިނުމަކީ ފަސޭ ހަކަމެއް ނޫންކަން ރައީސް ފާހަގަކު ރައްވަމުން، ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުން ކުރެއްވި މަސައްކަތަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމުގައި ވިދާޅުވި އެވެ. އަދި މި ނަތީޖާ ހާސިލު ކުރުމުގެ ސިއްރަކީ ސްކޫލުގައި މަސައްކަތް ކުރައްވާ ބޭފުޅުން، ސްކޫލުގެ ކުރިއެރުމަށް ދެއްވާ އަހަންމިއްޔަތުކަން ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ތަޢުލީމުގެ ދާއިރާއަށް ޝައުޤުވެރިކަން ހުރެގެން އެ ދާއިރާގައި މަސައްކަތް ކުރަން ނުކުންނަ ކުދިންގެ ޢަދަދު މިހާރު އެހާ ގިނަ ނޫން ކަމަށާއި، އޭގެ ނަތީޖާއަކީ ގިނަ ސްކޫލުތަކުގައި މަތީ ކްލާސްތަކުގައި މިއަދު މުޅިންހެން ބިދޭސީ ޓީޗަރުން ތިބުން ކަމުގައި ވިދާޅުވި އެވެ.

އެހެން ވާން މި ޖެހެނީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާނެ ޒުވާނުން މަދުވަމުންދާތީކަން ރައީސް ހާމަ ކުރެއްވި އެވެ.

"ސްކޫލުތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، މުދައްރިސުންނަށް ސަމާލުކަން ދިނުން. މުދައްރިސުންނަށް ދޭން ޖެހޭ ތަމްރީނު ދިނުން. އަދި ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއަށް ވަނުމަށް، މުދައްރިސުންނަށްވުމަށް އެއްބާރުލުންދީ، ހިތްވަރުދީ، މޮޅުކުދިން ތަޢުލީމީ ދާއިރާއަށް ވެއްދުމަށްޓަކައި އެންމެން މަސައްކަތް ކުރުން." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ޤައުމުގައި ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓަކީ، ތަޢުލީމަށް ކުރެވޭ އިންވެސްޓްމަންޓްކަން ބަޔާން ކުރައްވަމުން، އެއީ ފަހުން ޤައުމަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނޭ ކަމެއް ކަމަށާއި، އެހެންވީމާ، ލޯނު ނަގައިގެން ވެސް ކުރަންވީ ކަމަކީ ކިޔަވައި ދިނުން ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށްޓަކައ ތަޢުލީމުގެ މަންހަޖުގައި މިހާރަށްވުރެ ބޮޑަށް ތަރުބިއްޔަތުގެ ބައި ހިމަނައި، އަޅުގަނޑުމެންގެ ދަރިންނަކީ، އިސްލާމީ ރިވެތި އުސޫލުތަކުގައި އަދި ރިވެތި އަޚްލާޤެއްގެ މަތީގައި ބޮޑެތިވާ ކުދިންނަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

ރައީސް، އައްޑު އަށް މިއަދު މި ކުރެއްވި ދަތުރުފުޅުގައި، މިއަދު ހަވީރު ފޭދޫ ސްކޫލަށް ޒިޔާރަތް ކުރައްވައި، އެ ސްކޫލަށް 40 އަހަރުފުރުމުގެ އިޙްތިފާލުގައި ބައިވެރިވެ ވަޑައިގަތުމުގެ ގޮތުން ކޭކެއް ފަޅުފިލުއްވައި ދެއްވި އެވެ.