މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ފަރާތްތައް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެބަ ތިއްބެވި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ވިދާޅުވެއްޖެއެވެ.
ޕީޖީ އައިޝަތު ބިޝާމް މިފަދައިން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓާއި ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައެވެ. އެހެންނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް އެކަމަނާ ވިދާޅެއްނުވެއެވެ. އަދި ޕީޖީ ވަނީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކޮމެޓީ ސިއްރު ކުރުމަށް އެދިލައްވާފައެވެ. އެކަމަނާ އެހެން ވިދާޅުވުމުން އެ ކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ ކޮމިޓީގައި ހާމަކުރެވެން ހުރި މައުލޫމާތު ހާމަ ކޮށްދެއްވުމަށް ޕީޖީގެ ކިބައިން އެދިލައްވާފައެވެ. އަދި ފަހުން ސިއްރު ކުރަން ޖެހުމުން ސިއްރު ކުރާނީ ކަމަށް އޭނާ ވިދާޅުވިއެވެ.
މުގައްރިރު އެފަދައިން ވިދާޅުވި ނަމަވެސް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ޕީޖީ އެގޮތަށް އެދިލެއްވުމުން ކޮމެޓީ ސިއްރު ކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ޕީޖީ އެދުނު ގޮތަށް ކޮމިޓީ ސިއްރުކުރުމުގެ އިތުރަށް، އެމްއެމްޕީއާރްސީގެ މައްސަލައިގައި ތަހުގީގުކުރެވުމުންދާ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަކީ ކޮން ބައެއް ކަން އެނގުމުން، އެ މެމްބަރުންނާ ނުލާ ކޮމިޓީ ކުރިއަށް ގެންދިއުމަށެވެ. މި ހުށައެޅުއްވުމަށް ތާއީދު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ. ޔައުގޫބުގެ އެ ހުށަހެޅުން ފާސްވީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ ގޮތުން އޭސީސީން އާއްމުކުރި އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި 57 ރަށެއް ނުއަގުގައި ގަވާއިދާއި ޚިލާފަށް ވިއްކާފައިވާ ކަން ފާހަގަކޮށްފައިވާއިރު ރަށްތައް ދޫކުރުމަށް ފަހު އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 12 މިލިއަން ޑޮލަރެވެ. އޭސީސީގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި 77 މިލިއަން ޑޮލަރު ލިބެން ޖެހެއެވެ. ދައުލަތަށް ލިބުނު 12 މިލިއަން ޑޮލަރުން ވެސް އެކި މިންވަރުން އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކޮށްފައިވާކަން ރިޕޯޓުން ހާމަވެފައެވެ.
އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މިހާރުގެ މެންބަރުންގެ އިތުރުން މި ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން އެބަ ތިއްބެވިއެވެ.