އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާ ލައްވާ ވަކި ގޮތަކަށް ކަމެއް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު މަސައްކަތް ކުރެއްވި ކަމަށް އެކަމަނާ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން ޝިއުނާ ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަމީރު ގުޅުއްވި ކަމަށެވެ. އަދި ހިތްހަމަނުޖެހި ހުންނަވާ ވާހަކަފުޅު ދެއްކެވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަމީރު ދެއްކެވި ވާހަކަތަކުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އެންގުމަށް މަސައްކަތް ކުރެއްވިކަން މާނަ ކުރެވިގެން ދިޔަ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
"އެއީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، އަޅުގަނޑު ނަން ވެސް ބުނެލާނަން،" ޝިއުނާ ވިދާޅުވި އެވެ.
ޝިއުނާ އެފަދައިން ވިދާޅުވުމުން އެއީ ކޮން މައްސަލައަކާއި ގުޅިގެންތޯ ކޮމެޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ސުވާލު ކުރެއްވުމުން ޝިއުނާ ވިދާޅުވީ އޭސީސީން ބަލަމުން ދަނީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މައްސަލައެއް ކަމަށެވެ.
އޭސީސީގެ ރައީސާ ކަމަށް ހަވާލުވެވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޝިއުނާ ވަނީ އޭސީސީއަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި، އެ ކޮމިޝަނުގެ މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅޭ ނަމަ އެކަން ހާމަ ކުރާނެ ކަމަށް ވިދާޅުވެފައެވެ.