އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރަށް ކުރެއްވި ތުހުމަތުތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ އެކަމަނާ ލައްވާ ލައްވާ ވަކި ގޮތަކަށް ކަމެއް ކުރުމަށްޓަކައި ސަމީރު މަސައްކަތް ކުރެއްވި ކަމަށެވެ.
ޝިއުނާ ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަމީރު ގުޅުއްވި ކަމަށެވެ. އަދި ހިތްހަމަނުޖެހި ހުންނަވާ ވާހަކަފުޅު ދެއްކެވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަމީރު ދެއްކެވި ވާހަކަތަކުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އެންގުމަށް މަސައްކަތް ކުރެއްވިކަން މާނަ ކުރެވިގެން ދިޔަ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
"އެއީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، އަޅުގަނޑު ނަން ވެސް ބުނެލާނަން،" ޝިއުނާ ވިދާޅުވި އެވެ.
ޝިއުނާ އެފަދައިން ވިދާޅުވުމުން އެއީ ކޮން މައްސަލައަކާއި ގުޅިގެންތޯ ކޮމެޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ސުވާލު ކުރެއްވުމުން ޝިއުނާ ވިދާޅުވީ އޭސީސީން ބަލަމުން ދަނީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މައްސަލައެއް ކަމަށެވެ.
ޝިއުނާގެ އެ ވާހަކަތައް ދޮގު ކުރައްވާ ސަމީރު މިއަދު ވިދާޅުވީ ޝިއުނާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެފަދަ ކަމެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރުގެ ހައިސިއްޔަތުން ޝިއުނާއަށް ގުޅުއްވިން ކަމަށެވެ.
ނަމަވެސް އެކަމަނާއަށް ގުޅުއްވީ، އޭސީސީން ކަމަށްބުނެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ގުޅުއްވުމަށްފަހު އޭސީސީއަށް ހާޒިރުވާން އެންގުމުން ކަމަށެވެ. އަދި ސްޓޭޓް މިނިސްޓަރަށް އައި ފޯނު ކޯލުގައި ލޯޔަރަކާއި އެކުގައި އެ ކޮމިޝަނަށް ހާޒިރުވާން އެންގި ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ ހަމަ އެ ފޯނު ކޯލުގައި އަމިއްލަ ހައިސިއްޔަތުން މައްސަލައެއްގައި ޖަވާބުދާރީވުމަށް ސްޓޭޓް މިނިސްޓަރަށް އެންގި ކަމަށެވެ.
އޭސީސީގެ ރައީސާއަށް ގުޅުއްވުމަށްފަހު ދެންނެވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ ވާހަކަ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ހިނގާކަން އެނގި ނުލައްވާ ކަމަށް ޝިއުނާ ވިދާޅުވި ކަމަށް ސަމީރު ވިދާޅުވިއެވެ.