ރާއްޖެއިން ޓެރަރިޒަމާއި ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ޖަޕާނު ސަރުކާރުން 500 މިލިއަން ޔެން (70 މިލިއަން ރުފިޔާ) ގެ އެހީ އެއް ދީފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖަޕާނުން މިއަދު ދިން އެހީއަކީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ދިން މާލީ އެހީތެރިކަމެއް ކަމަށެވެ.
އަދި އެ އެހީ ބޭނުންކުރަން ނިންމާފައިވަނީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޖަޕާނު ސަރުކާރާއެކު ހިލޭ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ރައީސް ސޯލިހު މިއަދު ވަނީ ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ މިއަދު ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައިފަ އެވެ.