ހދ. ކުުޅުދުއްފުށީ ގެއެއްގެ ތެރޭގައި ހުރި ސައިކަލުގައި ބަޔަކު މީހުން ގަސްތުގައި ރޯކޮށްލި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ ކުޅުދުއްފުށީ ކަކާ ގޭގެ އެތެރޭގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލާފައި ވާކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެކަމަކީ ބަޔަކު މީހުން ގަސްތުގައި ކުރި ކަމަކަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެކުރިން ބުނީ ރޭ ދަންވަރު 4:10 ހާއިރު ކުޅުދުއްފުށި ކަކާގޭ ތެރޭގައި ހުރި ސައިކަލެއްގައި އަލިފާން ރޯވެފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެގެއަށް ފުލުހުން ދިޔައިރު ސައިކަލުގެ އިތުރުން، ގޭގެ އަސްކަނީގެ ސީލިންގ އާއި ރަށު ޕިކަޕެއްގައި ވެސް ރޯވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ސިފައިން ބުނި ގޮތުގައި ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން އަލިފާން މުޅިން ނިއްވާލެވުނީ ފަތިހު، 4:40 އެހާއިރު އެވެ. މި އަލިފާނުގެ ސަބަބުން ކަކާގެ އާއި ޖެހިގެން ނަހާގެއަށް ވެސް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.