މީހުންގެ ފުރާނަ އަށް ގެއްލުން ދިނުމަށް ގޮވާލި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދަށް އެ ކޯޓުން 15ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކުރީ މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ޓެރަރިސްޓު ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިޔާގައި ޕޯސްޓުކޮށް އާންމުކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން ރަށަކުން ކަމެއް އަދި އޭނާއާ ގުޅޭ އިތުރު ތަފްސީލެއް ވެސް ފުލުހުން ދީފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި ޓެރަރިޒަމްގެ ބިލުގައި ބުނެފައިވާ ގޮތުން ޓެރަރިޒަމަކީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، އަދި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގޭ އަމަލުތައްކަމަށް ބުނެފައިވެއެވެ.
މިގޮތުން ހިންގޭ ޢަމަލަކީ ޓެރަރިޒަމްގެ ޢަމަލެއްކަމުގައި ބެލެވެނީ އެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛ ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛ ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛ މުދަލަށް ބޮޑެތި ގެއްލުން ދިނުން ފަދަ ކަންކަން ކަމަށް ބަޔާންކޮށްފައިވެއެވެ.