އަންހެނުންގެ ކުރިމަގަށް ހުރަސް އެޅުމަކީ ނާތަހުޒީބީ ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނބިންނަކީ ފިރިންގެ ކޮންޓްރޯލްގެ ދަށުގައި ތިބި އަމިއްލަ އިހްތިޔާރު ނެތް ބައެއްގެ ގޮތުގައި ސިފަކޮށް، އެމަގުން އަންހެނުންގެ ކުރިމަގަށް ހުރަސް އެޅުމަކީ ނާތަހުޒީބީ ކަމެއް ކަމަށެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދަކީ އިލްމީ ގޮތުން ފާހަގަކުރެވޭ ކާމިޔާބު ހާސިލްކޮށްގެން ހުންނެވި މިނިވަން ހިޔާލުގެ ބޭފުޅެއް ކަމަށް ޖާބިރުގެ ޓްވީޓުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޖާބިރު މިފަދައިން ވިދާޅުވެފައި މިވަނީ ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސުލްުޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ދިޔާނާވެސް ހިމެނިވަޑައިގެންފައި ވަނިކޮށެވެ. އަދި މިހާރު އެ މައްސަލަ އޮތީ ކޮމެޓީ މަރުހަލާގައެވެ. ދިޔާނާއަކީ ޖޭއެސްސީން ވެސް ހައިލީ ރިކަމެންޑަޑް ނަންފުޅުތަކުގެ ތެރޭގައި ހިމެނުއްވި ނަންފުޅެކެވެ.