Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ޒީޝާންގެ މަރުގެ މައްސަލާގައި ބަދަލުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދޭން ހުކުމް ކޮށްފި

މީގެ ހަ އަހަރު ކުރިން ލިންކް ރޯޑް ސިޓީ ސްކެއާ ކައިރިން މަގުން ހިނގާފައިދިޔަ އަންހެން ކުއްޖެއްގެ ގައިގާ ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވި އާމިނަތު ޒީޝާން އަލީގެ މަރުގެ މައްސަލާގައި، ކާރު ދުއްވަން އިން ފަރާތުން ޒީޝާންގެ އާއިލާއަށް މަރުގެ ބަދަލުގައި އެއް ލައްކަ ރުފިޔާ ދިނުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލާގައި ދައުލަތުން ކާރު ދުއްވަން ހުރި ހުސެއިން ހާފިޒަށް ކޮށްފައިވަނީ އިންޖީނުލީ އެއްޗެއް ފަރުވާކުޑަކޮށް ދުއްވުމުގެ ކުށުގެ ދައުވާއެވެ. ޝަރީއަތުން ވަނީ މިމައްސަލާގައި ކާރު ދުއްވަން އިން ހުސެއިން ހާފިޒް ދުއްވާފައިވަނީ ފަރުވާކުޑަކޮށް ކަން ސާބިތުވާތީ ކުށްވެރިވާ ކަމަށެވެ.

އަދި ކުށުގެ އަދަބަކަށް ދިވެހި އެއް ލައްކަ ރުފިޔާ، ނިޔާވި ޒީޝާންގެ އާއިލާއަށް އެއް މަސް ދުވަސްތެރޭ ދެއްކުމަށް ހުކުމް ކޮށްފައިވެއެވެ. ނަމަވެސް މިމައްސަލާގައި މިހާތަނަށް ހުސެއިން ހާފިޒްގެ ފަރާތުން އާއިޝަތު ޒީޝާންގެ އާއިލާއަށް ދައްކާފައިވާ 60،000ރ. އުނިކޮށް ބާކީ ހުރި 40،000ރ. ދައްކަން ޖެހޭނެ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ މިމައްސަލަ ހުސެން ހާފިޒްގެ މައްޗަށް ސާބިތުވުމާ ގުޅިގެން 10 އަހަރު ދުވަހަށް އޭނާގެ އެއްގަމު އުޅަނދުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމަށް އަންގާފައެވެ.

ނޮވެމްބަރު 12، 2013 ގައި ހިނގި މިއެކްސިޑެންޓުގައި ޒީޝާން ނިޔާވެފައިވާއިރު އެއްކޮށް ދިޔަ ޒިޝާންގެ މަންމަ އާއިޝަތު މައުސޫމްއަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.