Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ކަރަންޓު އަގުހެޔޮ ކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން ކުރިއެރުވުމަށާއި ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮ ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރުު މަޖިލީހަށް ހުށަހެޅީ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ. ސަލީމް ހުށަހެޅުއްވި ގަރާރުގައި ވަނީ، ކަރަންޓުގެ އަގު ބޮޑުވުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވެފައި އޮތް ކަމަކަށް ވީއިރު، ކަރަންޓުގެ އަގު ރައްޔިތުންނަށް އުފެލޭނެ މިންވަރެއްގައި ދެމެހެއްޓުމަކީ ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.

ސަލީމްގެ ގަރާރުގައި ކަރަންޓު އަގުބޮޑުވުމުގައި އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރަށް މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. އެހެންކަމުން އެކަމަށް ގައުމީ ފެންވަރުގައި ރަނގަޅު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ގްރީން ފަންޑާއި ދައުލަތުގެ ބަޖެޓުން ހިއްސާ ވެގެން އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން ކުރިއެރުވުމުގެ ގޮތުން ހާއްސަ ފަންޑެއް އުފެއްދުމަށް ގޮވާލާ ކަމަށެވެ.

އޭގެ އިތުރުން އެނާޖީ އެފިޝަންސީ މަސައްކަތްތަކާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއާއި ހަކަތައިގެ ގަވަނަންސް ހަރުދަނާ ގޮތެއްގައި ރެގިއުލޭޓް ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުން އަވަސް ކުރުމަށާއި އެނާޖީ އެފިޝަންސީ މިންގަނޑުތައް އެކުލަވާލަން ގަރާރުގައިވެ އެވެ.

އެނާޖީ އެފިޝަންސީ މިންގަނޑުތަކަށް ފެތޭ ތަކެތިން ޑިއުޓީ މާފު ކުރުން ނުވަތަ ކުޑަ ކުރުމަށާއި، އެ މިންގަނޑުތަކަށް ނުފެތޭ ސާމާނުގެ ތެރެއިން ކޮންމެހެން އެތެރެ ކުރަން ޖެހޭ އެއްޗެހި ފިޔަވައި އެ ނޫން އެއްޗެހި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ގަރާރުގައިވެ އެވެ.

ކަރަންޓު އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.