ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ބޮޑު ސަރަހައްދެއް ހިއްކަން 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ޑެންމާކުގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ ހަވާލުކޮށްފިއެވެ. އެ ކުންފުންޏާއި މި މަޝްރޫއު ހަވާލު ކޮށްފައިވަނީ ބިޑަކާއި ނުލައެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރީ މާލިއްޔަތު ގަވާއިދުގެ ދަށުން ކަމަށެވެ. އެ މިނިސްޓްރީން ބުނީ އެ މަސައްކަތް އެ ކުންފުންޏަށް ދިނުމަށް ކަނޑައެޅީ އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައި ޓެކްނިކަލް ގޮތުން ކަމަށެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރަން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތުގެ އެއްބަސްވުމުގައި މިިދިޔަ ބުރާސްފަތި ދުވަހު، ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އާއި ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ކުންފުނީގެ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑް ވަނީ ސޮއިކުރައްވައިފަ އެވެ. އެ މަސައްކަތްތައް ނިންމަން ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.
ބޮސްކާލިސް ކުންފުނިން މީގެ ކުރިން ވެސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ރާއްޖޭގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ފަހަކަށް އައިސް ހިންގަމުން އަންނަނީ އެމްޓީސީސީ އިންނެވެ. އަދި ބިން ހިއްކުމުގެ މަސައްކަތަށް އެ ކުންފުނިން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން މަހާޖައްފާރުގެ ނަމުގައި ބޮޑު ޑްރެޖަރެއް ގެނެސްފައެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލު ނުކުރީ ކީއްވެގެން ކަމެއް ނޭނގެއެވެ.