Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ސައީދު ސަރުކާރަށް: އެޖެންޑާ19 ގެ ދެފުއް ފެންނަ ނަޒާހާތްތެރިކަން ކޮބައިތޯ؟

މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ބޮޑު ސަރަހައްދެއް ހިއްކަން 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ޑެންމާކުގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏަށް ހަވާލު ކުރުމުން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.

ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެޖެންޑާ 19ގައި ވައުދުވި ދެފުއްފެންނަ "ނާޒާހަތްތެރިކަން" ކޮބައިތޯ ސުވާލު އުފައްދާފައެވެ.

"ކޮބައިތޯ މަހާޖައްރާފު. ރައީސް ޔާމީން ގުޅީފަޅު ތަރައްގީގެ ޕްލޭން ގޯސް ކަމަށް އެމްޑީޕީން ވަކާލާތުކުރީ ކޮންމެކަމެއް މާލެއަށް ކަމަށްބުނެ. މިއަދު އެކަން ރަގަޅުވީތޯ. ކޮބައިތޯ ކޯލިޝަން،" ސައީދު ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރީ މާލިއްޔަތު ގަވާއިދުގެ ދަށުން ކަމަށެވެ. އެ މިނިސްޓްރީން ބުނީ އެ މަސައްކަތް އެ ކުންފުންޏަށް ދިނުމަށް ކަނޑައެޅީ އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައި ޓެކްނިކަލް ގޮތުން ކަމަށެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރަން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތުގެ އެއްބަސްވުމުގައި މިިދިޔަ ބުރާސްފަތި ދުވަހު، ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އާއި ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ކުންފުނީގެ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑް ވަނީ ސޮއިކުރައްވައިފަ އެވެ. އެ މަސައްކަތްތައް ނިންމަން ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.

ބޮސްކާލިސް ކުންފުނިން މީގެ ކުރިން ވެސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ރާއްޖޭގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ފަހަކަށް އައިސް ހިންގަމުން އަންނަނީ އެމްޓީސީސީ އިންނެވެ. އަދި ބިން ހިއްކުމުގެ މަސައްކަތަށް އެ ކުންފުނިން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން މަހާޖައްފާރުގެ ނަމުގައި ބޮޑު ޑްރެޖަރެއް ގެނެސްފައެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލު ނުކުރީ ކީއްވެގެން ކަމެއް ނޭނގެއެވެ.