Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އިންސާފު ހޯދައިދޭން ވަކާލާތުކޮށް އެކަން ނުވާތީ ލަދުގަނޭ: މީކާއީލް

މި ސަރުކާރު ވެރިކަމަށް އައީ އިންސާފު ހޯދާ ދޭނެ ކަމަށް ރައްޔިތުންގެ ގާތުން ވައުދުވެގެން ކަމަށާއި ނަމަވެސް މިއަދާއި ހަމައަށްވެސް އެކަން ކުރެވިފައި ނުވުމުން ލަދު ގަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހިޔާނާތުގައި ޝާމިލުވި މީހުންނާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ ނަންތައް ހާމަ ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު ދިވެހި ރައްޔިތުންނާއި ހުދު އެމަނިކުފާނުވެސް މި ސަރުކާރު ގެނައުމަށް ވޯޓު ދެއްވީ ބްރިޖެއް އަޅާ މަގެއް ހަދާ ނުވަތަ އުމްރާނީ ތަރައްގީއެއް ގެންނާކަށް ނޫން ކަމަށާއި ހަމައެކަނި އިންސާފު ގާއިމް ކުރުމަށް ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު ވައުދަކީ އިންތިގާލީ އިންސާފު ކަމަށް ވިދާޅުވެ މީކާއީލް ވިދާޅުވީ ރައީސް ސޯލިހުގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ އެތަކެއް އަހަރުތަކެއް ވަންދެން އިންސާފަށް އެދި ތިބި ރައްޔިތުންނަށް އިންސާފު ހޯދައި ދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ މި ރާއްޖޭގެ ދައުލަތުން ވައްކަން ކޮށްފައި ތިބި މީހުންނާއި މެދު ފިޔަވަޅު އަޅާ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުން ލަސްވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އެގޮތުން އޭނާ ވަނީ ރިޔާސީ ކޮމިޝަނުން ރިލްވާންގެ މަރާއި އަދި އެހެނިހެން މަރުތަކާއި ގުޅިގެން ރިޕޯޓެއް އެކުލަވާލިތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަކުރައްވާ އެކަމުގައިވެސް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށް ބުނެފައެވެ.

"އަޅުގަނޑު މިއަދު އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުރެ ލަދު ގަންނަނީ ދެރަވަނީ ހިތާމަ ކުރަނީ ރިލްވާނުގެ އާއިލާއިން މިއަދު ބުނަމުން ދާތީ އިއްޒަތްތެރި ރައީސް އަޅުގަނޑުމެންގެ ސަރުކާރުގައި ބުނަމުންދާތީ ތިމަންނާމެންނަށް އިންސާފު ލިބޭނެ ކަމާއި މެދު އުއްމީދެއް ނެތޭ،" މީކާއިލް ވިދާޅުވިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަސަން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ދިވެހި ރައްޔިތުން އަޣުލަބިއްޔަތު ދިން އެންމެ ސަބަބަކީ ދައުލަތުގެ ހާޒާނާއިން ވައްކަން ކުރި މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ދެނެގަނެ އެ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން ކަމަށެވެ.

އެގޮތުން މި ކަންކަމުގައި ބައިވެރިވެފައިވާ ފަރާތްތަކާއި އަދި ޝާމިލްވާ މީހުންނަކީ ކޮބައިކަން ދެނެގަތުމަށް ދިވެހި ރައްޔިތުން ކެތްމަދުވެފައިވާ ކަމަށާއި، މި ފަރާތްތަކުގެ ނަންތައް ހާމަކޮށް ފިޔަވަޅު އެޅުމަށް ހަސަން ވަނީ ސަރުކާރައް ގޮވާލާފައެވެ.