ފަރަހް ހާން ޑައިރެކްޓްކޮށް، ޝާހްރުކް ހާން ލީޑް ރޯލް ކުޅޭ "ހެޕީ ނިއު ޔެއާ" ގެ ޝޫޓިން ސެޕްޓެމްބަރު މަހު ފަށަން ނިންމައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމްގެ މަސައްކަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ފިލްމްގެ ޝޫޓިން ލަސްވުމުގެ މައިގަނޑު ސަބަބަކީ ޝާހް ދާދި ފަހުން ކޮނޑުގެ އޮޕަރޭޝަނެެއް ކުރަން ޖެހުމެވެ.
އެގޮތުން ފިލްމްގެ ގިނަ މަންޒަރުތަކެެެެއް ނެގުމަށް ހަމަޖެހިފައިވާ ދުބާއީ އަށް ފިލްމްގެ ކާސްޓާއި ކްރޫ އެއްކޮށް ފުރާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމްގެ ބޮޑު ބައެއް ނަގަން ހަމަޖެހިފައި ވަނީ ދުބާއީގެ ހިތްގައިމު ރިސޯޓެއްގަ އެވެ.
"ހެޕީ ނިއު ޔެއާ" އަކީ 2007 ވަނަ އަހަރުގެ ބްލޮކްބަސްޓަ "އޯމް ޝާންތީ އޯމް" ފަހު ޝާހް އާއި ފަރަހް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ޝާހްގެ އިތުރުން އިތުރު ދެ އެކްޓަރުން ހިމެނެ އެވެ.
އެގޮތުން އެއް ރޯލަށް އަބިޝެކް ބައްޗަން ހަމަޖެހިފައިވާ އިރު ތިން ވަނަ ރޯލަށް ލާނެ ތަރިއެއްގެ މައްސަލަ އަދި ވެސް އޮތީ ނުނިމި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ރޯލަށް މިހާރު ހަމަޖައްސާފައި ވަނީ ނަސީރުއްދީން ޝާހްގެ ދަރިފުޅު އަދި ޕްރިޔަންކާ ޗޯޕްޅާ އާ އެކު "ސާތު ހޫން މާފް" އިން ފެނިގެން ދިޔަ ވިވާން ޝާހް އެވެ.
މީގެ ކުރިން އެ ރޯލް ޖޯން އަބްރަހަމް، "ސްލަމްޑޮގް މިލިއަނާ" ގެ ތަރި ދޭވް ޕަޓޭލް އަދި ރާނީ މުކަރުޖީ އާ އެކު "އައްޔާ" އިން ބޮލީވުޑަށް ތައާރަފްވި ޕްރިތުވި ރާޖް ސުކްމަރަން އަށް ހުށަހެޅި ކަމަށްވެ އެވެ.
އެހެން ނަމަވެސް އެކަން ޝާހް ވެސް އަދި ފަރަހް ވެސް ކަށަވަރެއް ނުކޮށްްދެ އެވެ. އެހެންވެ ފިލްމްގެ ތިން ވަނަ އެކްޓަރަކީ ކާކުކަން ނޭނގޭ އިރު، ފިލްމްގެ ބަތަލާއަކީ ވެސް ކާކުކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ޝާހްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނީ ދީޕިކާ ޕަދުކޯން އާ އެކު ޝާހް ފެނިގެންދާ ދެވަނަ ފިލްމް "ޗެންނައި އެކްސްޕްރެސް" އެވެ.
އެ ފިލްމް ރިލީޒް ކުރާނީ ފިތުރު އީދު ދުވަހު އެވެ.